ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މި މަހުގެ 15 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ސަރުކާރުގެ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގައި މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ހަފްލާއެއްގައި އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕުގެ މެމްބަރުންނާއި، ޕާޓީގެ އިސްބޭފުޅުންގެ އިތުރުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި، ސިޔާސީ ހަމަޖެހުން ގެނައުމަށް ސްރީލަންކާއިން އަބަދު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިއީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.