މީގެ އެތައް އަހަރެއް ކުރިޔަށް ޖެހިލާނަމެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގެ ދުވަސް ވަރަށެވެ. ނޫ ޤާނޫނު އަސާސީއަކަށް ދިވެހިން ޢަމަލުކުރި ދުވަސްވަރަށެވެ. އޭރުގައި ޤާނޫނު އަސާސީގެ ދަށުން ހުރިހާވެސް ބާރަކީ ރައީސުލްޖުމްހޫރިއްޔާއެވެ. މަޖިލިސް ރައީސްވެސް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައްޔިތުން ކުރެން "ހޭވެސް" އަހާނުލާ އެތައް މެންބަރުންނެއް "ރައްޔިތުންގެ މަޖިލީހުގައި" ތިއްބަވައެވެ. މަޖިޅީހުގައި ކުރާހާވެސް ކަމަކީ ސަރުކާރުން ފޮނުވާ ބިލްތަކަށް ބަހުސްކުރުމެއް ނެތި އަތްއުފުލާ ވޯޓު ދިނުމެވެ. ކިރިޔާވެސް އުދަނގޫ ބޮޑުވާނޭހެން ހީވާ މީހެއްނަމަ އަވަހަށް ހުރަގެއް ވައްދާ ގޮޑިކޮޅުވެސް ގެއްލުވާލައެވެ.

ހުދުމުޚުތާރުވެރިކަމަކަށް ޖާގަލިބޭނެ ގޮތަށް މުޅި ނިޒާމު އޭރުގައިވަނީ އެކުލަވާލާފައެވެ. އާއިލީ ގާތްތިމާގެ މީހުންނާއި، ޅިޔަނުންނާއި، ފަހަރިން މުޅި ވެރިކަމުހެ ނިޒާމު ހައިޖެކް ކުރެވޭފަދަ ނިޒާމެކެވެ. އޭރުގައި ކަންކަން ހުރީ ގޯހުން ގޯހަށްކަމަށް ބުނެ، "އިސްލާހީ ޚަރަކާތްތައް" ފެށުނެވެ. މިނިވަން ބަހުސް ބާއްވާ ވެރިކަމުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކަން ފެށިއެވެ. ރާއްޖޭން ބޭރުގައިވެސް މިފަދަ ބޮޑެތި ކެމްޕޭންތަކެއް ކުރިއެވެ.

އޭރުގައި އިސްލާހަށް މަސައްކަތް ކުރި މީހުން ގޮވަމުން ދިޔަ ވާހަކަތައް އަދިވެސް މި ކަންފަތުގައި ހަރުލާފަ އެބަހުއްޓެވެ. ރައީސް މައުމޫނަށް ނިސްބަތްކޮށް ގޮވި ގޮވެލިފަތިތައް ހަނދާނުގައި އެބަހުއްްޓެވެ. ދެޅިޔަނުން ވެގެން ޤައުމު "ދަވާލި" ވާހަކައެވެ. މުޅި ދައުލަތުގެ މަތީ ފަޑީގައި އާއިލީ މީހުން ތިބި ވާހަކައެވެ. އެއްބަނޑު މީހުން މަޖިލީހުގެ ރައީސަށްލާ މުޅި ނިޒާމުގެ ތެރެއިން އާއިލީ ޚުދުމުޚުތާރުވެރިމެއް ކުރަމުން ދާ ވާހަކައެވެ.

ދިވެހިން ބަދަލަކަށް ބޭނުންވާ ވާހަކައެވެ. އެ ބަދަލަކީ ދައުލަތުގެ ތިންބާރު ވަކިކޮށް މިނިވަން ކަމާއިއެކު ތިންބާރުން މަސައްކަތް ކުރުންކަމަށް ތަކުރާރުކުރިއެވެ. އެ ވިސްނުންތަކަށް ރައްޔިތުންވެސް އާބަސް ބުނެ މަގުމައްޗަށްނިކުމެ ރައީސް މައުމޫނުގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރިއެވެ. އެތެރޭންނާއި ބޭރުގެ ޕްރެޝަރު އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއަކަށްވީ ރައީސް މައުމޫންވެސް ގޮތް ދޫކުރައްވާ "އިސްލާހީ އެޖެންޑާއެއް" އެކުލަވާލާ މަގުޗާޓެއް އިއުލާނު ކުރެއްވުމެވެ.

މަގުޗާޓުގެ ތެރެއިން ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ފެށިއެވެ. އެންމެ ފުރަތަމަވެސް އިސްލާހަށް މަސައްކަތް ކުރަމުން ދިޔަ ލަޝްކަރު އެކު އެކީގައި ނިކުމެ "މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ" އެމްޑީޕީ ވުޖޫދަށް ގެނައެވެ. އިތުރުބާރަކާއި ހިތްވަރަކާއެކު އާއިލީ ވެރިކަމާއި ދެކޮޅަށް އެމްޑީޕީން އަޑުއުފުލަން ފެށިއެވެ. 

އެ މަގުޗާޓުގެ ތެރެއިން ރައްޔިތުންގެ ޚާއްސަ މަޖިލިސް އުފައްދާ ޤާނޫނު އަސާސީ އިސްލާހު ކުރަން ފެށުނެނެވެ. އެތައް ބައެއްގެ އެތައް ބުރަ މަސައްކަތްތަކާއެކު ދިވެހިން އަމަލު ކުރާނެ އާ ޤާނޫނު އަސާސީއެއް ލިބުނެވެ. މީލާދީ ސަނަތުން 2008ވަނަ އަހަރުގެ އޯގަސްޓު މަހުގައި އޭރުގެ ރައީސް، ރައީސް މައުމޫނު އެ ޤާނޫނު އަސާސީ ތަސްދީގު ކުރެއްވުން ލަސްކުރައްވާކަމަށްބުނެ، އެމްޑީޕީ ހިމެނޭހެން އެތައް ބަޔަކު ތީމުގެ ކައިރިޔަށް އެއްވި ހަނދާން އެބަހުއްޓެވެ. އެރޭގައިވެސް ގޮވަމުން ދިޔައީ، ދެން އާއިލީ ވެރިކަމަކަށް ޖާގަ ނުދޭނޭކަމަށެވެ. ޤާނޫނު އަސާސީ ތަސްދީގ ކުރެއްވީ އޮގަސްޓް 07 ގައެވެ. 

އެއާއެކު ހިންދެމިލުމަށްފަހު ދެން މި ރާއްޖެއަކު އާއިލީވެރިކަމެއް ކުރާނެ ފުރުސަތު ނުދޭނޭކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔައެވެ. ދައުލަތުގެ ބާރުތައް ވަކިކޮށް އެންމެ ފުރަތަމަ ވެރިކަމެއްކޮށްލަން ލިބުނީވެސް އެމްޑީޕީއަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ގެއްލި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެރިކަން ފުރޮޅިގެން ދިޔައީއެވެ. 

އެމްޑީޕީން އެއީ ބަޣާވަތެއްކަމަށް ސިފަ ކުރި ނަމަވެސް މިހާތަނަށް އަދި އެއީ ބަޣާވާތެއްކަމަށް ކަމަކަށް އެއްވެސް ކޯޓަކުން އަދި އިދާރާއަކުން ކަނޑައެއް ނާޅައެވެ. އޭގެ ފަހުން އަނެއްކާވެސް ވެރިކަން 2013ގައި ލިބުނީ ރައީސް މައުމޫނުގެ ހިޔަނީގައި ނިކުމެ ވަޑައިގަތް އޭރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ޢަބްދުﷲ ޔާމީންއަށެވެ. 

ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ތިންބާރު އެއްކޮށްލައިފި ކަމަށާއި، ހުދުމުހުތާރުވެރިކަމެއް ކަމަށްބުނެ އަނެއްކާވެސް އެމްޑީޕީން މަގމައްޗަށް ނިކުމެ ވެރިކަމާއި ދެކޮޅަށް އަޑުއުފުލަން ފެށިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުޅި ދައުލަތް ހައިޖެކްކޮށްފައިވާކަމަށްބުނެ މަގުމައްޗަށް ނިކުމެ ވެރިކަން ބަދަލުކުރަން މަސައްކަތް ފެށިއެވެ.

ވެރިކަން ބަދަލުވެ، އާ ވެރިކަމަކަށް އާދެވުނީ ގިނަ ބައެއްގެ ބޮޑެތި ގުރުބާނީ ތަކަކާއެކުގައިކަމީ ދެބަސް ވެވެން ނެތް ހަޤީގަތެކެވެ. ކޮންމެ މީހަކުވެސް އެ ޤުރުބާނީވީ އަމިއްލަ ސަބަބެއް އޮތުމުން ކަމަށްވެސް ވެދާނެއެވެ. 

މިވަގުތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ އެންމެ އިސްފަރާތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެމްޑީޕީގެ ރައީސްއެވެ. ސިޔާސީ ނަޒަރިއްޔާތަކުން މާކަ ފާޑުކިޔުމެއް ކިޔޭކަށްނެތެވެ. ނަމަވެސް އެމްޑީޕީން އިސްލާހީ މަސައްކަތް ފެށި އެއް ސަބަބު ކަމުގައިވާ "އާއިލީ ވެރިކަމާއި ދެކޮޅަށް" މި ސަބަބަށް ބަލާލާއިރުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހުއާއި ރައީސް ނަޝީދަކީ ދެ ޅިޔަނުންނެވެ. ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދަކީ ރައީސް ނަޝީދުގެ ދެބެންގެ ދެ ދަރިި ކޮއްކޯފުޅެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާއަކީ ބެސްޓް ފްރެންޑުންނެވެ. އާއިލީ ގުޅުން އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ އަކީ  އެ މަޖިލީހުގެ ރައީސްގެ ދެބެންގެ ދެދަރި ކޮއްކޯފުޅެވެ. ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ޅިޔަނެކެވެ. ޕޮލިސް ކޮމިޝަނަރާއި ރައީސުލްޖުމްހޫރިއްޔާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ދެބެންނާއެވެ. 

ދައުލަތުގެ އެކި މަގާމުތަކުގައި އާއިލާގެ އެކި ބޭފުޅުން އެބަތިއްބެވެ. ރައީސް އޮފީހުން ފެށިގެން ކުންފުނިތަކުގެ ވެރިންނަށްވެސް އާއިލީ ބޭފުޅުން އެބަތިއްބެވެ. މިކަމަކީ އެމްޑީޕީގެ ފިކުރާއި ދިމާ އިދިކޮޅު ކަމެއްކަން ޔަޤީނެވެ. އެމްޑީޕީ އުފައްދާ އެ ޕާޓީން އެންމެ ފުރަތަމަވެސް ކުރި މަސައްކަތަކީ އާއިލީވެރިކަން މި ޤައުމުން ނައްތާލުމެވެ.

ބަހަނާ ދެއްކުމެއް ނެތެވެ. އާއިލީ ވެރިކަމެއްގެ ސިފަތައް ވެރިކަމުގައި އަށަގެންފިއެވެ. ކީހާޅެން ފަރިއްސައްވެ ނިމިއްޖެއެވެ. މިއީ ރައްޔިތުންގެ ނިންމުމޭ ބުނެ ފަރުޖައްސާލެވޭކަށެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *