މީގެ ކުރިން އެއީ ރަށުގެ ރައްޔިތުންގެ ކެއުން ބުއިމާއި ގުޅިފައިވާ ތަނެކެވެ. އެތަކެއް ދިރުންތަކެއްގެ ވަޒަންވެރި ތަނެކެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އެތަނުން ހިތް އުފާކޮށްލުމަށް ގޮސް އުޅުނު ފެހި މާހައުލެކެވެ. ކަނޑޫދޫގެ މީހުން އެތަނަކަށްޓަކައި ފަހުރުވެރިވީ, "ކަނޑޫ ފަލެވެ."

މިއީ ކޮޅުމަޑުލުގެ އެންމެ ހުޅަނގުގައި އޮންނަ ބިން ބޮޑު ކަނޑޫދޫގެ ދެކުނު ފަރާތުގައި އޮންނަ ބިޔަ ބޮޑު ކަނޑޫފާގެ ވާހަކައެވެ. އަޅާލުމެއް ނެތި ދޫކޮށްލެވިފައިވާ ޤުދުރަތީ ނިޝާނެއްގެ ވާހަކައެވެ. މީގެ ކުރިން ފެހިކޮށް ފެންނާން އޮތް ކަނޑޫފާ މިއަދު އޮތް ގޮތް ފެނިއްޖެ ނަމަ ލޮލުން ކަރުނަ އޮހޮރޭހާވެއެވެ. ގަސްތައް ހިކި މުޅި ކަނޑޫފާ ވަނީ މަރުވާން ކައިރިވެފައެވެ. ކުރިން ކަށިމައްޗާއި ހަމައަށް ބޯކޮށް ޗަކަ ހެދިފައި އޮތަސް މިހާރު އެތަނުގެ ޗަކަގަނޑުވަނީ ވަރަށް ބޮޑަށް ހިކިފައެވެ. ފެންނަނީ ކަނޑޫފާ ނެތެމުން ދާ ކަމުގެ ނިޝާންތަކެވެ. އިވެމުންދަނީ ކަނޑޫފާ ނެތެން އުޅޭ ކަމުގެ ރަގަނބީލުގެ އަޑެވެ

ކަނޑޫފާ ނެތުމުގެ ބިރުހީވެފައިވަނީ ކީއްވެ؟

ކަނޑޫފަލުގައި ހުންނަ ކަނޑޫ ގަސް ދުޅަހެޔޮކަން މަތީ ހެދުމަށް ފިނިހޫނުމިން ވަކި ވަރަކަށް ބޭނުންވެއެވެ. ކުރިން ކަނޑޫދޫގެ ކަނޑޫފަލުގެ އަރިމަތީގައި ކަނޑޫގަސްތަކަށް ހިޔާވާނެހެން ބިޔަ ކާނި ގަސްތަކާއި، މިދިލި ގަސްތައް ހުއްޓެވެ. ނަތީޖާއަކަށްވީ، އެ ގަސްތަކުގެ ނިވަލުގައި ކަނޑޫގަސްތައް އޭގެ އެންމެ ފުރިހަމަ ފެހިކަންމަތީ ހެދިބޮޑުވުމެވެ. ނަމަވެސް ކަނޑޫދޫއަށް ދަނޑުވެރިކަން ތައާރަފްވި ފަހުން، ދަނޑުވެރިކަމުގެ ބޭނުމަށް ރަށުގައި ހުރި ބިޔަ ގަސްތައް އެއްވެސް ފަރުވާލެއް ނެތި ކެނޑުމުގެ ނަތީޖާއަކަށްވީ، މަޑުމަޑުން ކަނޑޫފަލަށް ހިމާޔަތްދިނުމަށް ހުރި ބިޔަ ގަސްތައްވެސް ކަނޑާ ބިމާ ހަމަކުރުމެވެ. އަދި އެވަރުން ނުވެގެން ކަނޑޫފާގައި ހުރި ބިޔަ ކަނޑޫ ގަސްތައްވެސް ދަނޑުވެރިކަމުގެ ބޭނުމަށް ކެނޑުމެވެ. 

މީގެ އިތުރުން ކަނޑޫފާ ބަލާލުމަށް އެތަނަށް ގޮސް އުޅޭ ބައެއް ފަރާތްތަކުން ކަނޑޫ ގަސްތަކަށް ގެއްލުންދިނުމަކީވެސް އެފަލަށް ރައްކާތެރިކަން ނެތްކަމުގެ ހެއްކެކެވެ.

ކަނޑޫފާ ހިމާޔަތްކުރުމަށް ކުރެވުނު މަސައްކަތް

ކަނޑޫދޫގެ ކަނޑޫފަލުން ދަނޑި ކެނޑުމާއި، ކަނޑޫފަލަށް ގެއްލުން ދިނުމަކީ އިއްޔައަކު މިއަދަކު ވެގެން އުޅޭ ކަމެއް ނޫނެވެ. އެއީ ދަނޑުވެރިކަން ކަނޑޫދޫއަށް ތައާރަފްވި ފަހުން ރަށުގެ ބައެއް ރައްޔިތުންގެ އާދައެކެވެ. ކަނޑޫދޫ ކައުންސިލުން ވަނީ ކަނޑޫފަލަށް ލިބެމުން އަންނަ ގެއްލުންތައް ހުއްޓުވަން ކައުންސިލްގެ ފެންވަރުގައި އެތަކެއް ކަމެއް ކޮށްފައެވެ. އަދި ކައުންސިލުން ވަނީ ކަނޑޫފާގެ ހާލަތު އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ސަމާލު ކަމަށްވެސް ގެނެސްފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ "ރުއްގަސް ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި އުފުރައިގެން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ގަވައިދު"ގައި، ރުއްގަހުގެ ތެރެއިން ކެނޑުން، އުފުރުން އަދި ކޮނެގެން ނެގުން އަދި އެއްތަނުން އަނެއް ތަނަށް ގެންދިޔުން މަނާ ބާވަތްތަކުގެ ތެރޭގައި، ޤާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ވަށައިގެން 20 މީޓަރު ފުޅާ ސަހަރައްދުގައި ހެދިފައި ހުންނަ ހުރިހާ ބާވަތްތަކުގެ ރުއްގަސް ހިމެނެއެވެ.

އެހެންކަމަށްވާއިރު، ކަނޑޫދޫ، ކަނޑޫފަލާއި 20 މީޓަރު ކައިރީގައި އެރަށުގެ ދަނޑުތައް ހުރިއިރު, އެއީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އެ ސަރަހައްދުން ރުއްގަސް ކެނޑުމަކީވެސް ގާނޫނީ ކުށެކެވެ.

ހައްލަކީ ކޮބާ؟

ކަނޑޫދޫގެ ކަނޑޫފާގެ ބޮޑު ބައެއް މިއަދު ނެތިގޮސްފައިވާއިރު، އެތަން އަންނަން އޮތް ޖީލަށް ރައްކާތެރި ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން މިވަނީ ޖެހިފައެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ، އެ ކަނޑޫފަލުންނާއި، ކަނޑޫފާގެ އަރިމަތިން ރުއްގަސް ކަނޑާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން އެބަޖެހެއެވެ. އަދި ކަނޑޫ ގަސްތަކަށް ފިނިކުރުމަށް ކަނޑޫފާގެ ވަށައިގެން ހިޔާކަން ބޮޑު ގަސްތައް އިންދަން އެބަޖެހެއެވެ. މީގެއިތުރުން ކަނޑޫފަލަށް ވަދެ ނުކުމެ އުޅުމުގެ އުސޫލެއް ކަނޑައަޅައި އެތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއްކަން އެނގޭނެ ނިޝާނެއް ބަހަށްޓަން ޖެހެއެވެ.

ކަނޑޫދޫއަކީ މުސްތަގުބަލުގައި ލޯކަލް ޓްއަރިޒަމް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ރަށަކަށްވާއިރު، އެރަށުގައި ހުންނަ މިފަދަ ޤުދުރަތީ ތަންތަން ހިމާޔަތްކޮށް އެތަނުގެ މަންފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަން އެބަޖެހެއެވެ. އަތޮޅުގެ އެންމެ ބޮޑު ކަނޑޫފާ ނެތެން ދޫކޮށްނުލާ، އެ ކަނޑޫފަލަށް ހިމާޔަތުގެ އަތެއް ފޯރުކޮށްދޭން އެބަޖެހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *