މާލޭގެ ޖަނަވަރީ މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މަައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 16:09 ހާއިރު ޖަނަވަރީ މަގުގައި ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓްވާން ދިމާވީ، މަގުގެ އެއްފަރާތުގައި ޕާކްކޮށްފައި އޮތް ކާރުގެ ދޮރު ހުޅުވާލުމުގެ ތެރޭގައި، ދުއްވާފައި އައި ސައިކަލުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އުމުރުން 39 އަހަރުގެ ބިދޭސީ ފިރެހެނެއް ކަމަށާއި، އަދި ކާރު ދުއްވަން އިނީ، 38 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށާއި، އަދި އެދެމީހުންގެ އަތުގައިވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ބަންގްލަދޭޝް މީހާގެ ކޮނޑު ހުޅަށް ކޮންމެވެސް ވަރަކަށް އަނިޔާވެ ވާއަތާއި ވާއަތު ފައިގެ އެކި ތަންތަނުން ހަން މަށައިގެން ގޮސްފައިވާ ކަމަށާއި އަދި އެމީހާއަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވި، ކާރު ދުއްވަން އިން މީހާގެ ލައިސެންސް 24 ގަޑިއިރަށް ހިފަހައްޓާފައިވާ ކަމަށާއި ފުލުހުން މިހާރު ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.