ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނުބެލުމަށް ނިންމާފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލައެވެ.
އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިސްވެ ހުންނަވާ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމީ އެ ދެ މައްސަލަ ވެސް ޕީޖީ އަށް އަނބުރާ ފޮނުވުމަށެވެ.
އެދެ މައްސަލައިގެ ތެރެއިން ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ހައިކޯޓުން ބާތިލު ކުރީ މި މަހުގެ އެންމެ ފަހު ދެ ވަނަ ހަފުތާ ތެރޭގައެވެ. އެމައްސަލަ ބާތިލުކުރުމުގެ ހުކުމުގައި ވަނީ އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.
ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.