މިއަހަރުގެ ބަރާކަތްތެރިވެގެންވާ ފިތުރު އީދު ނަމާދު ވެރިރަށް މާލޭގައި ބޮޑު ޖަމާއަތެއްގައި ނެޝަނަލް ސްޓޭޑިއަމްގައި ކުރުމަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން މިފަހަރު ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ.
މީގެއިތުރުން މިއަހަރު، ބޮޑު ޖަމާއަތުގައި ނަމާދުކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި، ބިދޭސީން ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު ނިޔާޒް ވިދާޅުވީ، އޮފިޝަލުންގެ ގޮތުގައި ބިދޭސީން ބައިވެރިކުރަން ނިންމާފައިވަނީ، އީދު ނަމާދުކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ވެސް ދާކަން ފާހަގަކުރެވޭތީ ކަމަށެވެ. އެމީހުންގެ ތެރެއިން ބަޔަކު އޮފިޝަލުންގެ ތެރޭގައި ހަރަކާތްތެރިވާނަމަ ކޮމިއުނިކޭޓު ކުރަން ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ދާ މީހުންގެ ވެހިކަލްތަކުން މަގުތައް ތޮއްޖެހުމުގެ މައްސަލަ ކުރީ ފަހަރުތަކުގައި ފާހަގަވެފައި ވާތީ ވެހިކަލް ޕާކް ކުރަން ސްޓޭޑިއަމްގެ ވެލި ދަނޑު ހަމަަޖައްސާފައިވާ ކަމަށެވެ.