ކ.ކާށިދޫގެ ނެރުކައްޓަށް ފަރަށް އެރި ތެޔޮ ބާޖު ފުންކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އެރި ސްޓޭޓް ޓްރޭޑިނަ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ އެފްއެސްއެމްގެ ތެޔޮ ބާޖް ފުންކޮށްފައިވަނީ މިއަދު، 11:22 ހާއިރު ކަމަށެވެ. އަދި މިހާރު އެ ތެޔޮ ބާޖު ދަނީ މާލެއަށް ދަތުރުކުރަމުން ކަމަށެވެ.
އެސްޓީއޯގެ ތެޔޮ ބާޖު ކާށިދޫ ނެރުކައްޓަށް ފަރަށް އަރާފައިވަނީ، މިދިޔަ ހަފްތާ ބުދަ ދުވަހުގެ ރޭއެވެ. އެ ބާޖުން ތެޔޮ ލީކުނުވާ ގޮތަކަށް ފުންކުރުމުގެ މަސައްކަތް އެދުވަހުން ފެށިގެން އައީ ކުރަމުންނެވެ. އޭގައި ހުރި ތެޔޮތައް ވަނީ އެހެން ބޯޓަކަށް އަންލޯޑްކޮށްފައެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ބާޖު ފުންކޮށް ނިމުނުއިރު، އިތުރު ގެއްލުމެއް އެއަށް ނުލިބޭ ކަމަށާއި، ތެޔޮ ލީކުވެފައި ނުވާ ކަމަށެވެ.
އެ ތެޔޮ ބާޖު ފުންކުރުމުގެ މަސައްކަތްކުރީ، އެމްޕީއެލްގެ އުޅަނދެއްގެ އެހީގައެވެ.