އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖޭގައި ގާއިމުކުރި ރާޑަރު ސިސްޓަމްތައް ރަސްމީކޮށް އިފްތިތާހު ކުރަން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މޯދީ މިމަހުގެ 7ގައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާޑަރު ސިސްޓަމުތައް ރަސްމީކޮށް އިފްތިތާހު ކުރާނެއެވެ. ނަމަވެސް އެކަމާއި ބެހޭ ގޮތުން، މިހާތަނަށް ސަރުކާރުން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް މީޑިއާތަކާއި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ރާއްޖޭގައި ރާޑަރު ބެހެއްޓުން ހިމެނޭ ގޮތުން ޑިފެންސް މަޝްވަރާތައް އިންޑިއާއާއެކު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ މަޝްވަރާތަކަކީ އޭރު ދެ ގައުމުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅާ ތަގްރީރު ކުރެއްވުމަށް ދައުވަތު އެރުވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.