އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒްގެ މަޤާމަށް އަލަށް އައްޔަންކުރެވުނު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވައިފިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އައު މިސްރާބަކަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ.
ޑރ. ޖައިޝަންކަރުގެ ތަޖުރިބާއާއި، ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން އެމަނިކުފާނު ކުރައްވާފައިވާ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ވެސް މިނިސްޓަރ ޝާހިދުގެ މެސްޖްގައި ވިދާޅުވެފައިވެއެވެ.
އަދި މީގެ ކުރިން އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމުގައި ހުންނެވިއިރު ދެޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ޑރ. ޖައިޝަންކަރު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި، އަނެއްކާވެސް އެމަނިކުފާނާއި ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ހުންނެވީ، 14 ވަނަ އޯއައިސީ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީ އަރަބިއްޔާގައެވެ.