ލީޑް ރޯލުން ސަލްމާން ޚާން އަދި ކެޓްރީނާ ކެއިފް ފެނިގެންދާ ފިލްމު "ބާރަތު"ގެ ނަމުގެ މައްސަލަ ނިއު ދިއްލީ ހައި ކޯޓަށް ހުށަހަޅައިފިއެވެ.
އިންޑިއާގެ ބޮލީވުޑްގެ ހަބަރުތައް ފަތުރާ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ނަމަކީ ގައުމިއްޔަތަށް ނިސްބަތްކުރެވޭ ނަމެއް ކަމަށާއި، އެހެންވެ ޕްރޮފެޝަނަލް އަދި ވިޔަފާރި އުސޫލުން ކުރާ ކަމަކަށް "ބާރަތު" ކިޔުމަކީ ނަމުގެ ހައިބަތު ގެއްލުވައިލުން ކަމަށާއި، އެ ނަން މީހަކަށް ވެސް ނިސްބަތް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ފިލްމުގެ ނަން ބަދަލުކޮށްދޭން، ކޯޓަށް ހުށަހެޅި އެ ޕެޓިޝަންގައި އެދިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަލްމާންގެ ފިލްމަށް "ބާރަތު" ކިޔާފައި ވަނީ އެމްބްލެމްސް އެންޑް ނޭމްސް ގާނޫނުގެ 3 ވަނަ މާއްދާއާއި ހިލާފަށެވެ.
"ބާރަތު" އަކީ 2014 ގައި ރިލީޒް ކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.
"ބާރަތު" ގެ ނަމުގެ މައްސަލަ ކޯޓަށް ހުށަހެޅި އިރު، މިދިޔަ އަހަރު ސަލްމާން ޕްރޮޑިއުސްކުރި "ލަވްރާތުރީ" އަކީ ވެސް ނަން ބަދަލު ކުރަން ޖެހުނު ފިލްމެކެވެ. އެ ފިލްމު ރިލީޒް ކުރީ ނަން "ލަވް ޔާތުރީ" އަށް ބަދަލުކޮށްގެންނެވެ.