ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއިދުކުރާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓްގައި އިއްޔެ ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާ، އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށެވެ.
އިއްޔެ ފެށުނު އޯއައިސީ ސަމިޓްގައި ރައީސް ޞާލިހް ވަނީ، އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. އަދި މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަންވެސް ފާހަގަކުރައްވާފައެވެ.
ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ފެށި އެ ސަމިޓުގައި ވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.
މި އަހަރުގެ ސަމިޓްގައި އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއަދު ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.