އަނބިމީހާ ލައްވާ ގަދަކަމުން ހަށިވިއްކި ކަމަށް ތުހުމަތުވާ ފިރިހެނެއް ހައްޔަރުކޮށް އަންހެން މީހާއަށް ރައްކާތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން ބުނި ގޮތުގައި ގަދަކަމުން ހަށި ވިއްކަމުން ދިޔަ އަންހެން މީހާ ފުލުހުންނަށް ހޯދުނީ މި މަހުގެ 20 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޯޅި ގެއެއްގެ ތެރެއިންނެވެ. އަދި އެތަނުން ހަށިވިއްކާކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުމާއި އެކު އެތަނަށް ދިޔައިރު އަންހެން މީހާގެ އިތުރުން ތިން ފިރިހެނުން އެތަނުގައި ތިބިކަމަށާއި އެއީ ހަށި ވިއްކުމުގެ މަސައްކަތުގައި އުޅުނު ތިން މީހުން ކަމަށް ފުލުހުން ބުނެފައިވެެއެވެ.
އަދި އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝްގެ ތިން މީހުން ކަމަށާއި ހަށި ވިއްކާ ކަމަށް ތުހުމަތުވާ އަންހެން މީހާއަކީ ވެސް ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ތިން ފިރިހެނުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
ފުލުހުން ބުނީ އެ އަންހެން މީހާގެ ފިރިމީހާގެ މައުލޫމާތު ފުލުހުން އިމިގްރޭޝަނާ ހިއްސާކޮށް، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަންހެން މީހާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅެނިކޮށް ވެލާނާ އެއާޕޯޓުން ފިރިމީހާ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރެވުނީ 39 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
އެ ދެމަފިރިން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާއެއްގެ ދަށުން މި މަހުގެ 15 ވަނަ ދުވަހު އެވެ. ފުލުހުން ދަނީ މި މައްސަލަ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.