ސިނގިރޭޓު ބުއިން ހުއްޓާލާ މީހުންނަށް ބައިސްކަލެއް ދޭ ޕްރޮގްރާމެއް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބައިކް މޯލްޑިވްސް އަދި ސިސޭޝަން ކްލިނިކްތަކުން ގުޅިގެން މިއަދު ފަށައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން ފެށި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ފަހު މިނިސްޓަރ ހުސެއިން ރަޝީދު ވިދާޅުވީ، ސިނގިރޭޓް ބުއިމުން އެ މީހަކާއި ވަށައިގެން އުޅޭ މީހުންނަށް ގެއްލުންވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާ ކަމަށާއި، އެހެންކަމުން ސިނގިރޭޓާއި ދުރައް ދިޔުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާ ގެއްލުން ހުރި ކަމަކުން ދުރަށް ދިއުމަކީ މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ކުއިޓް. ރައިޑް. ލިވް ހެލްތީ" ގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ދަށުން ބައިސްކަލެއް ލިބޭނީ ސިނގިރޭޓް ބުއިން ހުއްޓާލަން އެހީތެރިވާ ސިސޭޝަން ކްލިނިކްތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި ސިނގިރޭޓް ބުއިން ހުއްޓާލާތާ ތިން މަސް ފަހުން އެ މީހެއްގެ ތިމާގެ ކުއްޖަކަށް ބައިސްކަލެއް ހަވާލުކުރެވޭއިރު، ބައިސްކަލް މިލްކް ވާނީ އެ މީހަކު ސިނގިރޭޓް ބުއިން ހުއްޓާލާތާ އަހަރެއް ވުމުންނެވެ.
އައިޖީއެމްއެޗްގައި ހުންނަ ސިސޭޝަން ކްލިނިކް ހެނދުނު 9:00 މެންދުރު 3:00 އަށް ހުޅުވާފައި ހުންނަ އިރު، ދަމަނަވެށިން މި ހިދުމަތްތައް ލިބޭނީ ހެނދުނު 8:00 އިން މެންދުރު 1:30 އާ ހަމައަށެވެ. އޭޑީކޭގައި ހުންނަ ކްލިނިކްގެ ހިދުމަތް ލިބޭނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 އާ ހަމަައަށެވެ.