ހަތް ކުދިންގެ މަންމައެކެވެ. އާއިލާގެ ފަސްކުދިންނާއި އެކު ނިމަކެތި މަންމަ އެ ގިސްލަނީ އެކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދާދެވޭނެ ގޮތަކާއި މެދު ވިސްނާފައެވެ. އެހެން ކުދިންނެކޭ އެއްފަދައިން ދަރިން ސްކޫލަށް ފޮނުވޭނެ ގޮތަކާއި މެދު ވިސްނާފައެވެ. ރީތި އަންނައުނު އެ ކުދިންނަށް ގަނެދޭނެ ގޮތަކާއި މެދު ވިސްނާފައެވެ. އެހެން އާއިލާތަކޭ އެއްފަދައިން ހަމަޖެހިގެން އުޅެވޭނެ ދުވަހެއް މިންވަރު ކުރެއްވުން އެދި ދުއާކުރާ ހާލުގައެވެ.
މިއީ ހައްދުންމަތީ ހިތަދޫގައި ދިރިއުޅެމުން އަންނަ ނިކަމެތި އާއިލާއެއްގެ ހިތްދަތި ދިރިއުޅުމުގެ ވާހަކައެވެ. މިއާއިލާއިން ދިރިއުޅެމުން އަންނަ ދަތި ހާލާއި މެދު މިފަހަރު ހަމްދަރުދީވީ އޭޑީކޭ ގްރޫޕުންނެވެ. އޭޑީކޭ ގްރޫޕުން ވަނީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް އެ ކުންފުނިން ހިންގަމުން އަންނަ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީ އާއިލާގެ ހާލަތު މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކޮށްދީފައެވެ.
އެންމެ އަސާސީ ހިދުމަތްތަކުން މަހްރޫމްވެފައިވާ އެ އާއިލާއަށް އޭޑީކޭގެ ފަރާތުން މިވަނީ ދިރިއުޅޭނެ ފެންވަރު ރަނގަޅު ގެއެއް ހަދިޔާކޮށްދީފައެވެ. އަދި ސްކޫލަށް ދިޔުމުގެ ހުވަފެން ދެކެމުން އައި ކުދިންގެ އަތުގައި ހިފައި ސްކޫލުގެ ހަތަރު ފާރުން އެތެރެކޮށްދީފައެވެ. ރަށުގެ ރައްޔިތުންނާއި އެ އާއިލާ ގާތްކޮށްދީ، ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކޮށްދީފައެވެ.
އޭޑީކޭ ގްރޫޕުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން އޭޑީކޭގެ ޓީމެއް އެރަށް ގޮސް އެއާއިލާއާއި ބައްދަލުކޮށް ވަނީ އާއިލާގެ ހާލު ދެނެގަނެފައެވެ. އަދި އެ އާއިލާއިން ދިރިއުޅެމުން އައި ދެރަ ނިކަމެތި ހާލު ފެނި ފެންކަޅިވާ ހާލު, އޭޑީކޭގެ ޓީމުން ވަނީ އެނބުރި މާލެ އައިސް, 10 ދުވަހުގެ ތެރޭގައި ސާމާނާއެކު އެރަށް ގޮސް، ރަމަޟާން މަހަށް ބެލުމެއް ނެތި ވީ އެންމެ އަަވަހަކަށް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އޭޑީކޭއިން ވަނީ އެއާއިލާގެ ވާހަކަ އާއި އޭޑީކޭއިން ކުރިއަށް ގެންދިޔަ މަސައްކަތްތައް ދައްކުވާދޭ ވީޑިއޯއެއް މިއަދު އާންމުކޮށްފަ އެވެ. އަށް މިނެޓްގެ އެވީޑިއޯއިން ބަލާފައި ހިތެއް އޮތް މީހަކު ނަމަ ފެންކަޅިވާނެއެވެ. އެހާވެސް ހިތްދައްޗެވެ.
ފަސްކުދިންނާއި އެކު މަންމަ ދިރިއުޅެމުން އަންނައިއިރު، އެ މަންމައަކީ މަލާމާތާއި ފުރައްސާރަ އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ގިސްލެވޭހާލު އެ މައިމީހާގެ އާހުގެ އަޑު އެ ވީޑިއޯއިން އިވިގެންދެއެވެ. މަޖުބޫރީ ހާލަކުގައ ލިބޭ ޖިންސީ އަނިޔާގެ ވާހަކަ އެ މަންމަ އެކިޔާދެނީ ރޮއެ ގިސްލަމުންނެވެ.
ދިރިއުޅުމުގެ އެންމެ އާސާސީ ހިދުމަތްތަކުންވެސް މަހުރޫމްވެފައިވާ އެއާއިލާއިން ފާހަނާ ކުރުމަށް ދާންޖެހެނީ އަތިރިމައްޗަށެވެ. ދޭހާ އަތްވެއްގައި ވެހޭހާ ވާރޭގައި އެނޫން އެހެން ގޮތެއް އެއާއިލާއަކަށް ނެތެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ފަސް ކުދިންނާއި މަންމައަކު ދިރިއުޅެމުންދިޔަ ގޭގައި ނިދުމަށް އޮތީ އެންމެ ގޮދަޑި އެކެވެ. ތުއްތު ދެކުދިން ނިދާފައިވާ މަންޒަރުތައް ފެނުމުން ހިތް ފަޅައިގެން ދާވަރުވެއެވެ. އެންމެ މ ތުއްތު ކުއްޖާ ހުސްގަޔާ ނިދާފައި އޮތީ ވެލިން ދަތްތެޅިފައިވާ ހާލުގައެވެ. ދާހިއްލާ ފޯވެފައިވާ އެކުއްޖާގެ ގައިގައި ހިންޏާއި، ކަޑަ ހަފާ މަންޒަރުވެސް ފެނިގެންދާއިރު ކެތްވަނީ ކިރިޔާއެވެ.
އޭޑީކޭއިން އެ އާއިލާއަށް އެހީތެރިވުމުގެ މަސައްކަތް ފަށައިފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އަދި މަސައްކަތް ފަށައިގެން 13 ދުވަސް ތެރޭގައި ވަނީ ދިރިއުޅެވޭނެ އެންމެހާ ގޮތްތައް ފަހިވެފައިވާ ގޮތައް އެއާއިލާއަށް ގެއެއް ނިންމާދީފައެވެ.
އޭޑީކޭ މަސައްކަތް ނިމި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުން އާއިލާގެ މެންބަރުންގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެކެވެ ހީލަންވެސް ނޭނގިފައި އިން މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. ދުވަހަކު ނުލިބޭ ފަދަ ބޮޑު ހިތްހަމަ ޖެހުމެއް ލިބުމުން ފަސް ކުދިންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ.
އޭޑީކޭ ގްރޫޕުން އެނިކަމެތި އާއިލާއަށް ކޮށްދިން މި މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ 20 މުވައްޒަފުންނެވެ. އޭޑީކޭއިން ބުނަނީ އަންނަ އަހަރުވެސް ހާލުގައި ޖެހިފައިވާ އެފަދަ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.