ދިވެހި ރާއްޖެއަކީ ދުޅަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ނެރުއްވި ހިތާބެއް ގައި ރައީސް ވިދާޅުވީ، ރައްޔިތުން ދުންފަތާ ދުރުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، މިއަދަކީ ވަރަށް ތާރީޚީ ދުވަހެއް ކަމަށާއި އެގޮތުން މި އަހަރުގެ ޖެނުއަރީ 31 ގައި ގެޒެޓްކުރި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް، ލޭބަލް ޖެހުމާބެހޭ ގަވާއިދު" އަށް މިއަދު އަމަލުކުރަން ފެށިފައިވާކަމަށެވެ.
އެ ގަވައިދުގައި، ވަކި ސިނގިރޭޓު ވިއްކުން މަނާވުމާއި އިންޒާރުގެ ފޮޓޯ ޖަހައިގެން ނޫނީ، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާވުން ހިމެނެ އެވެ. އެކަމަކު މިއަދު ތަންފީޒުކުރަން ފަށާފައިވަނީ ވަކި ސިނގިރޭޓު ވިއްކުމާބެހޭ ބަޔަށެވެ.
ރައީސް ޞޯލިހު ވަނީ އެ ގަވާއިދަށް ފުރިހަމައަށް އަމަލުކުރަން އެދިވަޑައިގެންފަ އެވެ.
"މި ދެންނެވި ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަކީ، ތިޔައިން ކޮންމެ ރައްޔިތެއްގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް، އުފެއްދުންތެރި އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ" ރައީސްގެ ހިތޯބުގައި ވެ އެވެ.
ރައީސްގެ ހިތާބުގައި ވަނީ ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ހަށިހެޔޮ ރާއްޖެއަކަށް މި ގައުމު ހެދުމަށް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ..
"ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ރައްޔިތެއް އުޅޭ ޖަޒީރާ ރާއްޖެއަކަށް މި ގައުމު ހެދުމަށްޓަކައި، މިއަދަކީ އަޅުގަނޑުމެން ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ހަދަމާތޯ އެވެ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ހިތާބުގައިވަނީ ދުނިޔެއިން އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ތަފާތު ބަލިތައް ކަމުގައި ވިދާޅުވެފައެވެ.