ރަމަޟާން މަހުގެ ރޯދަޔަށްފަހު ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ދަރުމައާއި ޘަވާބު ބޮޑު ސުންނަތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު އެއާ ވިދިގެން ޝައްވާލުމަހުން ހަދުވަހުގެ ރޯދަ ހިފި މީހާ މުޅި އަހަރު ދުވަހު ރޯދަ ހިފިފަދައެވެ"
ހުތުބާގައި ބުނީ ހަރޯދަ ހިފާއިރު އެންމެ ރަނގަޅު ގޮތަކީ ވަޅު އީދު ދުވަހުން ފެށިގެން ގޮސް ހަ ދުވަހުގެ ރޯދަ ހިފުމެވެ. ނަމަވެސް ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޝައްވާލުމަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ރޯދަ ހިފުމުން މި ސުންނަތް ޙާޞިލްވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ރޯދަ މަސް އެމީހަކާއި ބައްދަލުވެ، އެމަސް ނިމުނު އިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާއަކީ އަބާއްޖަވެރިއެއް ކަމަށެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ އަންޙް ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ.
"ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، އެމަސް ނިނުމު އިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ"
ރަމަޟާން މަހު ރޯދަ ފަރުޟު ކުރެއްވުމުގެ ހިކުމަތަކީ، އަޅުތަކުން ޚާލިޤުވަންތަ ﷲއަށް ތަޤުވާވެރިވުން ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަސް ނިމުމަށްފަހުގައިވެސް، ހެޔޮކަންތައް ކުރުންމަތީ ދެމި ހުރުމަކީ އޭނާގެ ރޯދަ ﷲ ޤަބޫލު ކުރެއްވުމުގެ އަލާމާތެއް ކަމުގައިވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.
"ރަމަޟާން މަސް ނިމުމަށްފަހުގައިވެސް، ހެޔޮކަންތައް ކުރުންމަތީ ދެމި ހުރުމެވެ. އެހެން ވެއްޖެ ނަމަ އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ކުރެއްވުމުގެ އަލާމާތެކެވެ. އެއާ ޚިލާފަށް އެ މައްސަރު ނިމި ދިޔުމަށް ފަހު އަޅުކަމާއި ދުރަށް ދެވޭ ނަމަ އެއީ އޭނާގެ ރޯދަ ﷲ ޤަބޫލު ނުކުރައްވާ ކަމުގެ ޢަލާމާތެކެވެ."
މީގެ އިތުރުން ރޯދަވެރިޔާއަށް ދެ އުފަލެއްވާ ކަމުގައި ހުތުބާގައި ބުނެފައިވެއެވެ.
"ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އެއީ ރޯދަވީއްލާއިރު ރޯދަވީއްލުމުން ލިބޭ އުފަލަކާއި، އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެވެ. އެއީ ދުނިޔެމަތީގައި ދެއްވާ ވަގުތީ އުފަލަކާއި އާޚިރަތް ދުވަހު ދެއްވާ ދާއިމީ އުފަލެެވެ. ދުނިޔެމަތީގައި ލިބޭ އުފަލަކީﷲ ތައާލާ އެންގެވިގޮތައް ރޯދަ ހިފުނީތީ ލިބޭ ހިތްހަމަޖެހުމެވެ. ދާއިމީ އުފަލަކީ ސުވަރުގޭގެ ސަވާބާއި ދަރުމައެވެ."
ހުތުބާ ނިންމާލަމުން ވަނީ ބުއްދިވެރިއަކީ އެމީހާގެ ނަފްސް ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ޙަޔާތައް ތައްޔާރުވާ މީހާ ކަމަށް ބުނެފައެވެ. އަދި ނުކުޅެދުންތެރިޔަކީ އެމީހާގެ ހަވާނަފްސް އެދޭހައި ކަމަކަށް އިޖާބަދިނުމަށް ފަހު ﷲގެ ޙަޟްރަތުން ފޮނި އުންމީދު ކުރާ މީހާ ކަމަށް ބުނެފައެވެ.