ބޯކޮށް ވާރޭވެހި ހައްދުންމަތީ މާމެންދޫ އިންޖީނުގޭގެ ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ކެނޑިގެން ގޮސްފައިވާތީވެ، އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުން ދާކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މާމެންދޫ ކަރަންޓު ދާން މެދުވެރިވި ސަބަބެއްކަމުގައިވަނީ، މެދު ކެނޑުމެއްނެތި ބޯކޮށް ވާރޭވެހި އިންޖީނުގެގޭ ޕެނަލް ބޯޑު ހުންނަ ރޫމް ފެންބޮޑު ވުމެވެ. އިންޖީނުގެ ގޭގެ ފެންބޮޑުވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓު ގޮސް ރައްޔިތުން މިވަގުތު ތިބީ ކަނު އަދިރީގައެވެ. އަދި މާމެންދޫގެ 200 އަށްވުރެ ގިނަ ގޭގެއަށް ފެންވަދެފައިވާއިރުގައި ބައެއްގޭގޭގައި މީހުން ނޫޅެވޭވަރަށް ފެންބޮޑުވެފައިވާކަމަށް ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މިކަންކަމާއި ގުޅިގެން "ޖަޒީރާނިއުސް"އަށް މަޢުލޫމާތުދެއްވަމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ދާއިރާގެ ދެރަށަށްވެސް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުން ދާކަމަށެވެ. އެހެން ކަމުން ދެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމައިގައި ބައިވެރިވާ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

މާމެންދޫގެ ޙާލަތު ވަރަށް ގާތުން ބަލަމުން ދާކަމަށާއި، ރަމަޟާން މަހުގެ މިފަދަ ދުވަސްވަރެއްގައި ރަށުގެ ރައްޔިތުންނަށް ލިބެމުންދާ ދަތިތައް ހައްލުކުރެވޭތޯ ވަރަށް ގަދަޔަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. އަދި މި ފުރުސަތުގައި މާމެންދޫގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ނަމޫނާއަށް ހިތްވަރުދެއްވާ ސިރާޖުވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މުޅި މާމެންދޫ ފެނު އަޑީގަ، ރައްޔިތުން އެކަކު އަނެކަކަށް ބަލަން ނުތިބެ، ކޯރު ކޮނެ ސަލާމަތްކަން ހޯދަން މަސައްކަތް ކުރަމުންދާ މަންޒަރަކީ އުފާވެރި މަންޒަރެއް. އެ ކުރައްވާ ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސިރާޖު ވިދާޅުވިއެވެ.

"މާމެންދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކާއި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން. އަވަސް ހައްލެއް ލިބުމަކީ އަޅުގަނޑުގެ އާދޭހެއް" ސިރާޖު އިތުރަށް ވިދާޅުވިިއެވެ.

މާމެންދޫ ރައްޔިތުން ނިކުމެ ފެން ހިއްކަނީ: ފޮޓޯ: ރީހާން

ސިރާޖު އިތުރަށް ވިދާޅުވީ، އެފަދަ ހާދިސާތަކަށް އޮތް އެންމެ އެކަށޭނެ ހައްލަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ފާހަގަކޮށްފައިވާގޮތަށް، ކޮންމެ އަތޮޅެއްގައިވެސް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

ވިއްސާރަވުމުގެ ސަބަބުން މާމެންދޫގެ 200އަށް ވުރެ ގިިނަ ގެޔަށް ފެނުގެ އަސަރުކޮށްފައިވާއިރު، ރަށު ކައުންސިލާއި، ފުލުހުން އަދި ރަށުގެ ރައްޔިތުން ގުޅިގެން ދަނީ މަގުތަކުގައި ކޯރު ކޮނެ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *