މިއަދު މެންދުރުން ފެށިގެން ލ. މާމެންދޫއަށް ބޯކޮށް ވާރޭ ވެހި، މުޅި ރަށުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.
"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށުގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށެވެ.
"ދިހަ ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމުގެ މައުލޫމާތު ލިބޭ. ބައެއް ގެތަކުގައި އެބަހުރި ކަށިމައްޗާއި ހަމައަށްވެސް ފެންބޮޑުވެފައި." އޭނާ ބުންޏެވެ.
އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުގެ ހިފާގެންގުޅޭ ސާމާނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އެރަށުން "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
މީގެ އިތުރުން ފެންބޮޑުވެ އެރަށުގެ ހުންނަ އިންޖީނުގެއަށް ފެންވަނުމުގެ ސަބަބުން ރަށަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައްވެސް ވަނީ ނިއްވާލައިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ލާމު އަތޮޅަށް ކުރަމުން ދާ ވިއްސާރައިގައި އެ އަތޮޅު މާމެންދޫއިން ކަރަންޓް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ކަރަންޓް ގޮސްފައިވަނީ އިންޖީނުތަކާއި ހަމައަށް ފެނުގެ އަސަރު ފޯރައިގެން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފުލުހުންނާއި، ރަށު ރައްޔިތުންނާއި، ސިފައިން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގިނަ ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.