އިސްލާމީ ގައުމުތަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައި ގަނެވޭނީ ހުރިހާ ގައުމުތަކެއް ގުޅިގެން އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމުންކަަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މައްކާގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ, އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުންދީ އެ ގައުމުތަކަށް އެފަދަ ކަންކަމުގައި ލިބިފައިވާ ތަޖުރިބާތައް ހިއްސާކުރަން ޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރި ދިރިއުޅުމެއް އުޅެން ލިބިގެންވާ ހައްގަށް ރާއްޖެ އިން ތާއީދު ކުރާ ކަމަށެވެ. ފަލަސްތީނުގެ އިތުރުން ރާއްޖެ ދެމިއޮންނާނީ އެކި ކަންކޮޅުތަކުގައި ތިބި އަނިޔާ ލިބޭ މުސްލިމުންނާ އެކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި މަޝްވަރާކުރުމުގެ އުސޫލަށް އިހުތިރާމްކުރުމުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަނީ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސް ކޮށްފައެވެ. އަދި ސަމިޓްގެ ފައިނަލް ކޮމިއުނިކޭޝަން ކަމަށްވާ މައްކާ ޑެކްލަރޭޝަން އާއި ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގައި މަސައްކަތް ފެށި ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާ މެދު ވެސް މަޝްވަރާކޮށްފައިވެއެވެ.
މި ސަމިޓުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ.