ނިމިގެންދިޔަ 18 ވަނަ ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސްނުވި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ބެހޭ ބިލް، ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް އަވަސް ކޮށްދޭން އެދުމުންވެސް، ނިމިދިޔަ މަޖިލީހުގައި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ފާސްކޮށް ދީފައިނުވަނީ ތަފާތު އެކި އުޒުރުތައް ދެއްކުމަށް ފަހުގައެވެ.

އެގޮތުން އޭރުގައި މަޖިލީހުގައި ތިބި ސަރުކާރުގެ އިނދިކޮޅު މެމްބަރުން ބުނަމުން ގެންދިޔައީ އެ ބިލްގައި މިހާރު ހަދާފައިވާ ގާނޫނުު ތަކާއި އަދި ގާނޫނު އަސާސީއަށް ފުށޫ އަރާ ބައެއްކަންތައް އެ ބިލްގައި ވާ ކަމަށެވެ. އަދި އޭގެ ފަހުން އެ ބިލަށް ބައެއް އިސްލާހުތައްވަނީ ގެނެސްފައެވެ. 

އެގޮތުން ފަހުން ގެނައި ބަދަލާ އެކު އެ ބިލުގައި ބުނެފައިވަނީ ރިޔާސީ ކޮމިޝަނަކުން ޖިނާއީ މައްސަލައެއް ބަލަން ޖެހިއްޖެ ނަމަ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ތަހުގީގީ އިދާރާއެއްގެ ބާރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭނުން ކުރެވޭނެ ކަމަށެވެ.

އަދި ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ހޯދަން ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ ހެކިތައް ހިފެހެއްޓުމާއި ތުހުމަތު ކުރެވޭ މީހާގެ ބޭންކް އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމާއި އެފަދަ އެކައުންޓުތައް ފްރީޒް ކުރުމަށް ބޭންކްތަކަށް އެންގުމުގެ ބާރާއި ޕާސްޕޯޓް ހިފަހައްޓަން އެންގުމާއި ކޯޓު އަމުރު ބޭނުންވާ ހާލަތްތަކުގައި އެފަދަ އަމުރަކަށް އެދުމުގެ ބާރު ވެސް އޮތީ ބިލުން ދީފަ އެވެ.

ބިލްގައިވާ ގޮތުން ރިޔާސީ ކޮމިޝަން އެކުލެވިގެން ވަނީ އެ ވަގުތަކު، ރައީސް ކަނޑައަޅުއްވާ މެމްބަރެއް ނުވަތަ މެމްބަރުންގެ މައްޗަށެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކި ކުރާނީ ރައީސް އެވެ. އަދި މެމްބަރުން އިތުރު ކުރުމާއި މަދު ކުރުމުގެ ބާރު ވެސް ބިލުން ދީފައި އޮތީ ރައީސް އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *