ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ނ.ހޮޅުދޫ އިން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.
ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ހޮޅުދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 29 ވަނަ ދުވަހުގެ 11:59 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު 30 އަހަރުގެ ފިރެހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ އޮޕަރޭޝަނުގައި، ހޮޅުދޫގެ ގެއެއް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ. ޅޮހި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުުލުހުން ވިދާޅުވިއެވެ.
އެމައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.