ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި މިބައްދަލުވުމުގައި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. 

އެ ބައްދަލުވުމުގައި އޯ.އައި.ސީ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކުރައްވާފައެވެ. މީގެ އިތުރުން ސަމިޓްގެ ފައިނަލް ކޮމިއުނިކޭ ކަމަށްވާ މައްކާ ޑެކްލަރޭޝަންއާއި، ސީނިއަރ އޮފިޝަލްސް މީޓީންގ ގައި މަސައްކަތް ފެށުނު ފަލަސްތީނުގެ މައްސަލައިގެ ޤަރާރުގެ ޑްރާފްޓާއިމެދު މަޝްވަރާކުރެވުނެވެ. ދިވެހިރާއްޖެއިން ވަނީ މައްކާ ޑެކްލަރޭޝަނާއި ފަލަސްތީން މައްސަލައިގެ ޤަރާރަށް ތާޢީދުކުރާކަން ހާމަކޮށް، ދެ ޑޮކިއުމަންޓްވެސް ހުރިހާ ޤައުމެއްގެ އިއްތިފާޤުން ފާސްކުރުމަށް ގޮވާލާފައެވެ.

އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުން އިތުރުކޮށް، ތަޖުރިބާ ޙިއްސާކުރުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓެނީ ޤައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމާއި، މަޝްވަރާކުރުމުގެ އުޞޫލަށް އިޙްތިރާމްކުރުމުގެ ސަބަބުންކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ މިނިވަން ދައުލަތެއް ޤާއިމްކުރުމަށާއި ސުލްޙަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު އަނެއްކާވެސް ހާމަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާއިއެކު ދިވެހިން ތިބިކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަޙައްމަލުކުރަމުންދާ މުސްލިމުންނާއިއެކު ދިވެހިން ތިބިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށް ގޮވާލައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު ފާހަގަކުރެއްވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *