އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން އެ ގައުމުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސަށް މަރުހަބާ ދަންނަވާފައި ވަނީ ސައުދީގެ ރޯޔަލް ޕްރޮޓޮކޯލް މިނިސްޓަރެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓު އޮންނާނީ މާދަމާ މައްކާގަ އެވެ. އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒެވެ.
އޯއިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވަން ނިންމާފައިވާއިރު، އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައޫދީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.