ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަދީބް ގެ މައްޗަށް ހިޔާނާތުގެ ކުށުގައި އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލް ކޮށްފިއެވެ. އެ ހުކުމް ބާތިލް ކުރުމާއި އެކު، އަދީިބުގެ މައްޗަށް ކޮށްފައިވާ ހުރިހާ ހުކުމަކުން އަދީބް ވަނީ ސަލާމަތްވެފައެވެ.

އަދީބަށް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށްލާން އޭރު ހުކުމްކުރި އެވެ. އެކަމަކު ޒިޔަތާއި ހާމިދުގެ ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އަދީބު ޖަލަށް ލާން ހުކުމްކުރި ފަހުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބައެއް ފަރާތްތައް ދޫކޮށްލަން އެންގިއިރު އޭގެ ތެރޭގައި އަދީބު ވެސް ހިމެނޭ ކަމަށެވެ. އަދި އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން އިޖްރާއާތުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމްތައް ކަމަށް ބުނެ އަމުރުގައި އޮތް ބައި ބާތިލް ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލާގައި އަދީބުގެ މައްޗަށް ވެސް ހިންގި ޝަރީއަތަކީ ނުފޫޒު ފޯރުވައިގެން ހިންގި ޝަރީއަތެއް ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އަންގާ ކަމަށެވެ.

އަދީބު 8 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވެގެން ދިޔޔައީއެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މި ހަފުތާގައި ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ލޯންޗް މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.

އަދީބު މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އެއީ އޭނާގެ ސިއްހީ ހާލަތަށް ބަލައި ގޭބަންދުގައި ބެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާތީ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *