ރަމަޟާން މަހުގެ ފަހު ދިހައިގެ ތިން ވަނަ ދުވަހެވެ. އަހަންނާއި އަހަރެންގެ ރަށްޓެއްސެއް މާސިންގާ ބުރިޖު ހުރަސްކޮށް ހުޅުމާލެ ދިޔައީ ޕާޕާ ސެމްސް އިން ރޯދަވީއްލުމަށެވެ. އެތަނުގެ އިފްތާރު ރަނގަޅު ކަމަށް ގިނަ ބަޔަކު ބުނާތީ އެކަން އަމިއްލައަށް ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ.

ހުޅުމާލޭ، ނިރޮޅު 18 ގައި ހުންނަނަ ޕާޕާ ސެމްސްއާއި އަރާ ހަމަވިރު މަޢްރިބް ނަމާދަށް ގޮވަން އޮތީ ތިން މިނެޓެވެ. އެހެންކަމުން ޕާޕާ ސެމްސްގެ ކުރިމަތީގައި ސައިކަލު ޕާކުކޮށްލުމަށް ފަހު އަަހަންނާއި އަހަރެންގެ އެކުވެރިޔާ ސައިކަލުން ފޭބިއިރު އަހަރެމެންގެ އިސްތިޤުބާލުގައި އެތަނުގެ ވެއިޓަރަކު ހިނިތުންވުމާއި އެކު ހުއްޓެވެ. އެ ވެއިޓަރު އަހަރެމެންނަށް އިށީންނާނެ ގޮނޑިއާއި، މޭޒު ދެއްކުމުން އަހަރެމެން ގޮސް އިށީނީމެވެ. އެއިރު މޭޒުމަތީގައި ރޯދަވީއްލުމަށް އެންމެ ސުންނަންވެގެންވާ ކަނދުރު ތަށްޓެއް ހުށްޓެވެ. އަދި ކަރާފަނި ތައްޓަކާއި، މީރު ހެދިކާ ތަށްޓެއްގެ އިތުރުން ފެންފުޅިއެއްވެސް ހުއްޓެވެ.

ތިރީސް ފަސް މީހުންގެ ޖާގައިގެ ޕާޕާ ސެމްސްއަށް އަހަރެމެން ދިޔަ ދުވަހު އެތަން އޮތީ ފުރި ބާރުވެފައެވެ. ރޯދައާއި ދިމާކޮށް ހުޅުވި ނަމަވެސް އެތަނުގެ އިފްތާރު އެވަނީ އެތައް ބައެއްގެ ހިތްތަކާއި ކުޅެލައި އެހިތްތަކުގެ ލޯބި ހޯދައިފައެވެ

ބަންގި ގޮވަން މިނެޓަކަށް ވުމުން އެތަނަށް ރޯދަވީއްލަން އައިސް ތިބި މީހުން ބުފޭގެ ކައިރީގައި ކިއު ހަދަން ފަށައިފިއެވެ. އަހަންނާއި އަހަރެންގެ އެކުވެރިޔާ ނިންމީ ތަންކޮޅެއް މީހުން މަދުވުމުން ބުފޭއަށް ގޮސް ކާތަކެތި އެޅުމަށެވެ. އެގޮތުން ބަންގި ގޮވުމާއި އެކު ކަނދުރަކުން ރޯދަވީއްލާލުމަށް ފަހު ފުރަތަމަވެސް ކަރާ ފަނިތަށިން ކޯވަރެއް ބޯލީމެވެ. މިކްސަރުން ގިރާފައިވުމުން އޭގެ ރަހަ އިތުރަށް މީރުވިއެވެ. ކަރާ ފަނިތަށިން ކޯވަރެއް ބޯލުމަށް ފަހު ކުރިމަތީގައި ހުރި ހެދިކާ ތަށިން ހެދިކާއެއް ނަގައި އަގަޔަށް ލީމެވެ. ހެދިކާއިން ދިނީ ދިވެހި ވަންތަ ސައި/ހޮޓާ ތަކުންނާއި، ރަށްފުށުން ލިބެން ހުންނަ ހެދިކާއިން ދޭ ރަހައެވެ. މީރުކަމުން އިތުރަށްވެސް ބޭނުންވިއެވެ. ނަމަވެސް ބުފޭ ކުރިއަށް އޮތުމުން އެ ވިސްނުން ދޫކޮށްލީމެވެ.

ބުފޭ ކައިރިން މީހުން މަދުވެލުުން އަހަންނާއި އަހަރެންގެ އެކުވެރިޔާ ގޮސް ބުފޭއިން ވައްތަރަކުން އެއްޗެއް އަޅަމުން ދިޔައީމެވެ. ފަތް މަސްހުންޏާއި، އާދައިގެ މަސްހުންޏެވެ. ފަރާޓާއާއި، އާދައިގެ ރޮށްޓެވެ. އެކި ވައްތަރުގެ ބަތާއި، ގެރިމަހުގެ ތަފާތު ބާވަތްތަކެވެ. މުޅި ތަށި ފުރެންދެން އެތަނުން ކާތަކެތި އެޅުމަށް ފަހު އަހަރެމެންނަށް ހާއްސަ ކުރެވިފައިވާ މޭޒުދޮށަށް ގޮސް ކާން ފެށީމެވެ. މަސްހުނި ވަރަށް މީރެވެ. ހީވަނީ ގޭގައި މޮޑެފައި ހުންނަ މަސްހުނިހެންނެވެ. ބީފުގެ ރަހަވެސް ވަކި ދެރައެއް ނޫނެވެ. ވައްތަރަކުން އެތިކޮޅެއް ކަމުން ގޮސް މުޅި ތަށި އެއްކޮށް ހުސްވެއްޖެއެެވެ. ޕާޕާ ސެމްސްގެ އިފްތާރު މެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އަހަންނަށް އެންމެ ބޮޑަށް ކަމު ދިޔައީ ތެރިޔާކީ ބީފެވެ. އެއީ އެތަނުގެ ގިނަ ކަސްޓަމަރުންގެވެސް ފޭވަރިޓެވެ.

ޕާޕާ ސެމްސް އިން ހަތަރު އިފްތާރު މެނޫއެއް ތައާރަފްކޮށްފައިވާއިރު، އެ ހަތަރު މެނޫގެ އަގުގައިވެސް މާބޮޑު ފަރަޤެއް ނޫޅެއެވެ. 165 ރުފިޔާއިން ފެށިގެން 199 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި އެތަނުގެ އިފްތާރު މެނޫ ހުރި އިރު އެ މެނޫއިން ލިބެން ހުންނަ ބާވަތްތަކީ އެގާއި ބައްދަލު އަގެއްކަން އެތަނުން އިފްތާރަށް އިންސާފުކޮށްލާ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

ޕާޕާ ސެމްސް އަކީ އާއިލީ ރޯދަވީއްލުމާއި އޮފިސް ރޯދަވީއްލުމަށްވެސް ހާއްސަ މަރުހަބާއެއް ކިޔާ ތަނެކެވެ. އެގޮތުން އެފަދަ ރޯދަވީއްލުންތަކަށް ކަސްޓަމް އޯޑަރގެ ހިދުމަތް ފޯރުކޮށްދޭއިރު ކޮންމެ 10 އޯޑަރަކުން އެއް އޯޑަރު ހިލޭ ލިބޭނެއެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިންނަށް ޕާޕާ ސެމްސްއިން ހިލޭ ރޯދަވީއްލޭއިރު، 10 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ އިފްތާރުގެ އަގުގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން އަގަށް ބެލިޔަސް، މާހައުލަށް ބެލިޔަސް، އަދި ރަހައަށް ބެލިނަމަވެސް ޕާޕާ ސެމްސް އަކީ ކޮންމެހެންވެސް އަޖުމަ ބަލާލުން ރަނގަޅު ތަނެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *