ޖުމްހުރީ ޕާޓީގެ ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އެ ޕާޓީގެ މިހާރުގެވެސް ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އަދި އެ ޕާޓީގެ ނައިބް ލީޑަރަކަށް ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އިންތިޚާބުކޮށްފި އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ގިނަ މެމްބަރުންތަކެއް ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ނަމަވެސް އެންމެ ފަހުން އާންމު އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީއަށް ނެގުނީ އެންމެ ފަސް ގޮނޑިއެވެ. އެއީ މާމިގިއްޔާއި ދަނގެތި ދާއިރާގެ އިތުރުން ކެންދޫ ދާއިރާ (އަލީ ހުސައިން) އާއި ތިމަރަފުށި ދާއިރާ (އަބްދުﷲ ރިޔާޒް) އަދި އިސްދޫ ދާއިރާ (އަލީ ހަމީދު) އެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި 65 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. އަދި އެ މަޖިލިހުގެ ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ނައިބަކީ އެމަނިކުފާނާ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެވެ.