ލީޑް ރޯލުން ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރު އަދި ޔާމީ ގޯތަމް ފެނިގެންދާ ފިލްމު "ބާލާ" މި އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފިިއެވެ.
"ބާލާ" އަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަން ފިލްމެއް ކަމަށްވާ "އިސްތްރީ" ޑައިރެކްޓްކުރި އަމަރު ކޯޝިކްގެ ފިލްމެކެވެ. އަމަރު ކޯޝިކް "ބާލާ" ޑައިރެކްޓްކޮށްފައިވާއިރު، އެ ފިލްމު ގެނެސްދެނީ، ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯ ގުޅިގެންނެވެ.
"ބާލާ" މި ފިލްމަކީ ކޮމެޑީ ފިލްމެކެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖާވިދު ޖެފްރީ، ސޯރަބް ޝުކްލާ އަދި ސީމާ ޕަހްވާ ހިމެނެއެވެ.
"ބާލާ" އަކީ 2012 ގައި އަޔޫޝްމަން ބޮލީވުޑަށް ތައާރަފުވި ފިލްމު "ވިކީ ޑޯނާ" ގެ ބަތަލާ ޔާމީއާ އެކު އޭނާ ކުޅޭ ދެވަނަ ފިލްމެވެ. އަދި މިއީ ބޫމީއާ އެކު އަޔޫޝްމަން ކުޅޭ ތިން ވަނަ ފިލްމެވެ. އެ ދެ ތަރިން ވަނީ "ޝުބް މަންގަލް ސާވްދާން" އާއި "ދަމް ލަގާ ހައިޝާ" ގައި މަސައްކަތްކޮށްފައެވެ.