ރާއްޖޭގައި ރިސޯޓުތައް ހިންގާ ރަށްރަށުގެ ކުލީގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވާ ފައިސާގެ އަދަދު 400 މިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ޢާންމުކުރި ދައުލަތުގެ މާލީ ހިސާބުތަކުގައި ލަފާކޮށްފައިވަނީ މިއަހަރު ރިސޯޓުތަކުގެ ކުލީގެ ގޮލުގައި 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 466.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައިފައިވެއެވެ.
2.2 ބިލިއަން ރުފިޔާ ރިސޯޓުތަކާއި ހޮޓާތަކުން ދޭ ޚިދުމަތުގެ އަގުން ނަގާ ނުވަތަ ޓީ-ޖީއެސްޓީގެ ގޮތުގައި މިއަހަރު މިހާތަނަށް އައިރު ދައުލަތަށް ލިބިފައިވާއިރު ފިނޭންސް މިނިސްޓްރީއިން ވަނީ މިއަހަރު މި ރޮނގުން 5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި މިއަހަރު ދައުލަތަށް 705 ރުފިޔާ ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފައިވާއިރު އޭގެތެރެއިން 326 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.