މިރޭ ބޮޑުރަސްގެފާނު މަގުގައި އެކްސިޑެންޓެއް ހިނގައި 10 އަހަރުގެ ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިނީ އަންހެނެއް ކަމަށާއި އޭނާގެ ފަހަތުގައި 10 އަހަރުގެ ކުއްޖަކު އިން ކަމަށެވެ. މި އެކްސިޑެންޓްގައި ބޮޑުރަސްގެފާނުމަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލް ދުއްވަން އިން އަންހެންމީހާގެ ކުރިމައްޗަށް ކުޑަ ކުއްޖަކު އެރުމުން އެކުއްޖާގެ ގައިން ނައްޓާލަން އުޅުމުގެ ތެރޭގައި ކައިރީ ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައި ޖެހި ތަޅައިގެންގޮސް ސައިކަލްވެސް ވަނީ ފިހާރައިގެ ތެރެއަށް ވަދެފައިކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:35 ހާއިރުގައެވެ. މި އެކްސިޑެންޓްގައި ސައިކަލު ފަހަތުގައި އިން ދިހަ އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ އަތް ކަފައިގެންގޮސް ލޭ އައުމުގެ ސަބަބުން 34 އަހަރުގެ އަންހެން މީހާ ވަނީ ލޭ ފެނުމުގެ ސަބަބުން ހޭ ނެތިފައިކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ.
އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާ ހޭނެތުމުން އައިޖީއެމްއެޗް އަށް ގޮސް ފަރުވާ ދީފައިވާއިރު އިތުރު އަނިޔާތަކެއް އޭނާއަށް ލިބިފައެއްނުވެއެވެ. 34 އަހަރުގެ މި އަންހެން މީހާ ސައިކަލް ދުއްވާފައިވަނީ ލައިސެންސް ނެތިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.