ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ އިދާރާއިން ހިންގާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު ހަފްތާއަކު ދެ ފަހަރު މީޑިޔާ އާއި ހިއްސާކުރަން ނިންމައިފިއެވެ.
ނަވަރާ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ފަހު، މިއަދު މަޖިލިސް އިދާރާ އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
މިއަދުގެ ޖަލްސާއަށްފަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ލިއުޝާ ވިދާޅުވީ، މި ނިންމުމަކީ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އެދިލެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ.
"މީގެ ފަހުން، ރައްޔިތުންގެ މަޖިލީހާއި މަޖިލިސް އިދާރާ އިން ހިނގާ މުހިންމު ކަންތައްތައް މީޑިއާ މެދުވެރިކޮށް، އާންމުންނާ ހިއްސާ ކުރުމަށް ފަށާ މަސައްކަތެއް،" ނިއުޝާ ވިދާޅުވިއެވެ.
ނިއުޝާ ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަގްރީރް ކުރެއްވުމަށް ދައުވަތު އެރުވުމަށް ފާސްކޮށްފައިވާތީ، އެ ކަމުގެ އިންތިޒާމް މަޖިލީހުގެ އިދާރާއިން ހަމަޖައްސަމުން ދާނެ ކަމަށެވެ. މޯދީ މަޖިލީހުގައި ތަގްރީރްކުރައްވާ ޖަލްސާ އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަސައްކަތްތަކުގެ ކުރު ހުލާސާއެއް އަމީން އާއްމު ނޫސްވެރިންނަށް ދެއްވިއެވެ.