ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް 11 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މަސް ދުވަސްތެރޭގައި އެ ގަވައިދު އިސްލާހުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފިއެވެ.
މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު، އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދްﷲ ރިޔާޒު، އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު، އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފު، އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު، އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ.
އަލީ އާޒިމް ވިދާޅުވީ 18 ވަނަ މަޖިލިސް ހިނގާ ނިމިދިޔައީ 17 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި 17 ވަނަ މަޖިލީހުގެ ގަވައިދު އިސްލާހުކޮށް 18 ވަނަ މަޖިލީހުގައި އަލުން ފާސް ކުރުމަށް ނިންމި ނިންމުން އޮތީ މަޖިލީހުގެ ރައީސްގެ މޭޒުކޮޅު މަތީގައި އޮތް ގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ހެދުމަށް ކޮމެޓީއަށް ފޮނުވާ މަސައްކަތަކީ އެއް މަސް ދުވަހުގެ މަސައްކަތެއް ކަމަށެވެ.