ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރުގެއަށް ގުޅުއްވައި ވަކި ގޮތަކަށް ހުކުމް ކުރައްވަން ވިދާޅުވެފައިވާކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ކުރިއަށް ދިޔައިރު ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލިސްގެ ފަރާތުން ކަނޑައަޅާ މެންބަރުގެ ނަން ހުށައެޅުމާއި މެދު ބަހުސްކުރުމަށް މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ބޭފުޅަކާއި ބަންޑާރަނައިބާއި މަޖިލީހުގެ ރައީސް އަދި މަޖިލީހުން އުފަން ކުރާ އެހެން މެމްބަރަކާއި ތިބުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ސީދާ ގުޅުއްވައި ފަނޑިޔާރުގެއަށް ގުޅުއްވައި ވަކިގޮތަކަށް ހުކުމް ކުރަން ބުނެފައި ހުރި ކަމަށް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޖުޑީޝަރީ މިނިވަން ކުރުމަށް ވާހަކަދައްކާއިރު ވިސްނަން ޖެހޭ އެންމެ ބޮޑު އެއްކަމަކީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން ނުލުން ކަމަށެވެ. އަދި މިއަދުން މިއަދަށް ގާނޫނު އަސާސީ ބަދަލުކޮށް ޖުޑީޝަރީ މިނިވަން ކުރަން ޖާބިރުވަނީ ގޮވާލައްވާފައެވެ.
ޖާބިރު ވަނީ ޤާނޫނު އަސާސީ މިހާރުން މިހާރަށް އިސްލާހުކުރުމަށް ގޮވާލައްވާފައެވެ.