ދިވެހިރާއްޖެއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ރައްޔިތުންގެ މަޖިލިސް ތަޤްރީރުކުރައްވަން މަޖިލިހުގެ މެންބަރުން ތާއިދުކުރައްވައިފިއެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހަށް ޒިޔާރަތްކުރައްވައި، ތަޤްރީރުކުރުމަށް ދައުވަތު އެރުވުމާމެދު މަޖިލިސް މެންބަރުންނަށް ފެންނަ ގޮތެއް ހާމަކޮށް ވާހަކަދެއްކުމަށް ރިއާސަތުން ހުޅުވާލި ފުރުސަތުގައި މަޖިލިސް މެންބަރުން ވަނީ މިކަމަށް ތާއިދުކުރައްވައި ޚިޔާލުފާޅުކޮށްފައެވެ.
މޯދީ މަޖިލީހުގައި ތަޤުރީރުކުރެއްވުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އިތުރުން އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
ރާއްޖެއަށް މޯދީ ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިސް ތަޤްރީރުކުރައްވަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ވޯޓަށް އަހަން ހަމަޖެހިފައިވަނީ މިއަދު މެންދުރު 1:30 ގައެވެ.
ދެވަނަ ދައުރަކަށް އިންޑިއާގެ ބޮޑު ވަޒީރުކަމަށް ނަރެންދްރަ މޯދީ އިންތިޚާބު ވުމަށްފަހު މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ފުރަތަމަ ހަމަޖެހިފައިވަނީ ދިވެހިރާއްޖެއަށެވެ. މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހަށެވެ.
މީގެ ކުރިންވެސް އިންޑިއާގެ ބޮޑުވަޒީރު ވަނީ 2008 ވަނަ އަހަރުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ތަޤްރީރުކުރައްވާފައެވެ.