ކ.އަކިރިފުށިގެ ހުޅަނގުން ދެ ނޮޓިކަލް މޭލް ބޭރުން "އަމާޒު 2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ އިންޖީނު ހުއްޓިގެން، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ، މާލެއިން ފުރައިގެން ރ. މާމުނަގައު ރިސޯޓަށް 11 މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "އަމާޒު 2" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ.އަކިރިފުށިގެ ހުޅަނގުން ދެ ނޮޓިކަލް މޭލް ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކްއަޑްރަން އިން އެހީތެރިވުމަށް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ މިއަދު ހެނދުނު 8:43 ހާއިރު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެދޯނީގައި 10 ބިދޭސީން އަދި ދިވެއްސެއް ތިއްބެވެ. މިހާރު ދަނީ އެ ދޯނި ކަފަ ޖަހުމަށް އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދަމުންނެވެ.