ފަނޑިޔާރުގެ އިސްލާޙުކުރުމަށް އިސްލާޙީ ޚަރަކާތް ފެއްޓެވި ރައީސް މުޙައްމަދު ނަޝީދު ޖުޑީޝިއަލް ސާވިސްކޮމިޝަންގެ މެންބަރުކަން ޔަޤީން ކުރައްވައިފިއެވެ.
އިސްލާޙީ މަސައްކަތް ފެއްޓެވި ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަކަން ފާހަގަކޮށް ، އަދި ފަނޑިޔާރުގެތަކުގައި ނުރަނގަޅު އެތައް ކަމެއް އެބަހުރިކަން ފާހަގަކުރެއްވި، ރައީސް ނަޝީދަށް ޖޭއެސްސީގެ މެންބަރުކަން ކަށަވަރުވީ 19ވަނަ ރައްުޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގަތުމާއި ގުޅިގެންނެވެ.
ޤާނޫނު އަސާސީގެ 158ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެންބަރެކެވެ. ޖޭއެސްސީއަކީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ މިނިވަން މުއަައްސަސާއަކަށްވާއިރު، ފަނޑިޔާރުގެ އިސްލާޙުކޮށް ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރުގެއެއް ކަށަވަރުކޮށް ދިނުމަށް މިއީ ރައީސް ނަޝީދަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ.
ޤާނޫނު އަސާސީގެ 159ވަނަ މާއްދާގެ ދަށުން އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވާ އެހެން ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާނީ ޖުޑިޝަލް ސާވިސް ކޮމޝަނުންނެވެ. އަދި އަދުލް އިންސާފުގެ ދާއިރާގެ ހުރިހާ ކަމެއްގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވާނީވެސް ހަމަ އެ ކޮމިޝަނުންނެވެ.
ފަނޑިޔާރުގެތަކުގައހުރި ނުރަނގަޅުކަންކަން ހޯދާ، ކޮރަޕްޓް ފަނޑިޔާރުން ކޯޓުތަކުން ބޭރުކޮށް މިނިވަންކަމާއެކު މަސައްކަތްކުރާނެ ފަނޑިޔާރުގެއެއް ކަށަވަރުކޮށްދެއްވާނެކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ސްޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ކޮށްފައެވެ.
ސްޕާމެޖޯރިޓީއާއެކު އެމްޑީޕީ 19ވަނަ ރައްޔިތުންގެ މަޖިލިސް ފަށާފައިވާއިރު، ޖޭއެސްސީގެ ކޮންޓްރޯލް އެމްޑީޕީއަށް ލިބިގެންދާނެކަމަށް ބެލެވެއެވެ. އެގޮތުން މަޖިލީހުގެ ރައީސް، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރު، ބަންޑާރަނައިބު، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ އިތުރުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރެއްވެސް ޖޭއެސްސީ ތަމްސީލްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެހެންކަމުން ފަނޑިޔާރުގެ އިސްލާހުކުރުމަށް އެމްޑީޕީން ގޮވާލި ގޮވާލުން ތަންފީޒުކުރުމަށް އެމްޑީޕީއަށް މިވަނީ ފުރުސަތު ލިބިފައެވެ.