ސްވިޒަލެންޑްގެ ޖެނީވާގައި ބޭއްވި ވާރލްޑް ހެލްތު އެސެމްބްލީގެ 72 ވަނަ ބައްދަލުވުން ނިންމާލައިފިއެވެ. މި މަހުގެ 20 އިން 28 އަށް ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީނެވެ.

ދުނިޔޭގެ 194 ޤައުމެއްގެ ސިއްޙީ ދާއިރާގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި މިނިސްޓަރ އަމީންވަނީ، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ސިއްޙީ ދާއިރާއިން ދިމާވާ މައްސަލަތައް ހައްލުކުރުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު ކާރިސާތަކުގެ ދަނޑިވަޅުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވާރލްޑް ހެލްތު އެސެމްބްލީ"ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައެއް ބައްދަލުވުންތަކުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ވައި ނުސާފުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށްކުރާ ނޭދެވޭ އަސަރުތަކާގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެން މިނިސްޓަރ އަމީން ދެއްކެވި ވާހަކަފުޅުގައި ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު އެކި ކާރިސާތަކުގައި ޞިއްޚީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ކާރިސާގެ ވަގުތުތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ވާރލްޑް ހެލްތު އެސެމްބްލީ"ގައި ރާއްޖެއިންވަނީ، ފަލަސްޠީނުގެ ސިއްޙީ ހާލަތު ރަނގަޅުކުރުމަށް ވޯލްޑް ހެލްތް އެސެމްބްލީން ނިންމި ނިންމުމާ އެއްކޮޅަށް ވޯޓް ދީފިއެވެ. މި ނިންމުމާ އެއްކޮޅަށް ރާއްޖެ ހިމެނޭހެން 96 މެމްބަރު ޤައުމަކުން ވޯޓު ދީފައިވެއެވެ. އަދި މި ނިންމުމާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ޤަޢުމުތައް ކަމަށްވާ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާ އާއި ކެނެޑާއާއި ބްރެޒިލް ހިމެނޭގޮތަށް 11 ޤައުމަކުން ވޯޓުދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *