މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިކަން ހާމަކުރައްވާ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ "މީމިސް" ބޭނުންކޮށްގެން ރިޕޯޓު ފޮތް ޖެނެރޭޓު ކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށާއި، އެ ގޮތުން ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައި ވާކަމަށެވެ. 

"މިގޮތުން، މި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، ދަރިވަރުންގެ ނަތީޖާ އާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.

އޮންލައިންކޮށް ސްކޫލުން ރިޕޯޓު ފޯމުފޮތް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް ސްކޫލުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ޑިޖިޓަލްކޮށް ރިފޯޓު ފޯމް ދޭ ސްކޫލުތަކުގެ ތެރޭގައި މާލެ އަދި ރަށްރަށުގެ ސްކޫލުތައް ހިމެނެ އެވެ.

ދަރިވަރުންނަށް ރިޕޯޓު ފޮތް ދެނީ ސީދާ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންނެވެ. އެ ރިޕޯޓުތައް ތައްޔާރުކުރަނީ މީމިސްގައި ހުންނަ މައުލޫމާތުތަކަށް ބަލައިގެންނެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *