މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ކެމްޕެއިން ކުރުމަށް އެ ޕާޓީއިން ކުރި ދަތުރުތަކުގެ އަގުގެ ގޮތުގައި މޯލްޑިވިއަން އަށް ދައްކަން ޖެހިފައި އޮތް 3.8 މިލިއަން ރުފިޔާ ޕީޕީއެމް އިން އިއްޔެ ދައްކައިފިއެވެ.
ޕީޕީއެމުން މޯލްޑިވިއަންއަށް ފައިސާ ނުދައްކައިގެން އެ ކުންފުނިންވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ މައްސަލަ ކޯޓަށްވެސް ގެންގޮސްފައެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ، މޫސާ ވަސީމް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުން ޕީޕީއެމް އިން ވަނީ ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ދައްކާފައިކަމަށާއި އެއީ އެކުންފުންޏަށް ޕީޕީއެމް އިން ދޭން ޖެހޭ ހުރިހާ ފައިސާއެއްކަމަށެވެ.
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކެމްޕޭންގެ ދަތުރުތަކުގެ އަގުގެ ގޮތުގައި ޕީޕީއެމް އިން މޯލްޑިވިއަންއަށް ދައްކަން ޖެހުނީ ޖުމްލަ 4.8 މިލިއަން ރުފިޔާއެވެ. އަދި ސަރުކާރު ބަދަލުވި އިރުވެސް އެތަނުން އެއްވެސް ފައިސާއެއް ނުދެއްކުމުން މީޑިއާގައި އެވާހަކަ ފެތުރެން ފެށުމުން ޕީޕީއެމް އިން ވަނީ 1 މިލިއަން ރުފިޔާ ދައްކާފަައެވެ. އަދި އެ ޕާޓީއިން މޯލްޑިވިއަންއަށް އިތުރަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވިނަމަވެސް އެ ފައިސާ ވަނީ ނުދައްކައެވެ. އެކަމުގެ ސަބަބުން މޯލްޑިވިއަން އިން ވަނީ ބާކީ 3.8 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ. ނަމަވެސް މިހާރު އެ ފައިސާތައް ޕީޕީއެމް އިން ވަނީ ދައްކައިފައެވެ.