މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލްކީޕަރ މުހައްމަދު ފައިސަލް އަންނަ ސީޒަނަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
ކުރިއަށް އޮތް ސީޒަނަށް ދަ ގްރާންޑޭ ވަރުގަދަކުރިއިރު ރަނގަޅު ކުޅުންތެރިންތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި ފުރަތަަމަ ޑިވިޝަނުގެ ޓީމުތަކުން ފާހަގަވި މުހައްމަދު ރަޝީދު (ހޮކޭ) އާއި މާޒިޔާ އަށް މިދިޔަ އަހަރުތަކުގައި ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އާއި ޔަސްފާދު ހަބީބު (މުލަކޭ) އަދި އީގަލްސް އަށް ކުޅުނު ހަސަން ޝިފާން (ޝިފާންޓޭ) ހިމެނެ އެވެ.
ދަ ގްރާންޑޭގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން މާޒިޔާ އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކުރީގެ މިޑްފީލްޑަރު އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. އިންމަ ވަނީ ކުރިއަށް އޮތް ސީޒަނުގައި ދަ ގްރާންޑޭގެ އަމާޒަކީ ގަދަ ހަތަރެއް ކަމަށް ބުނެފަ އެވެ. އަދި އެ ޓީމުގެ ވިސްނުމަކީ ހަރުދަނާ މެނޭޖްމަންޓެއްގެ ތެރެއިން ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރުން ކަމަށެވެ.
މިދިޔަ ސީޒަނުގައި ނިއުގައި މަޑުކުރަން ފައިސަލް ނިންމި ނަމަވެސް ސީޒަންގެ ފުރަތަމަ ކޮޅުގައި އޭނާ އަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައެއް ނުވެއެވެ.
ފަހުން މުސާރަ މައްސަލައިގައި ގޯލްކީޕަރު އިމްރާން މުހައްމަދު ނިއު އިން ވަކިވި ހިސާބުން ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ފައިސަލް އެވެ.