ދޮންކޭލަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންގެ ތެރޭގައި މަގުބޫލުކަން ހޯދައިފައިވާ މީރު މޭވާއެކެވެ. ދިވެހި ރާއްޖޭގެ ވެސް އެކި ހިސާބުތަކުގައި ކެޔޮގަސް ތައް ޢާންމުކޮށް ހައްދައިއުޅެއެވެ. އިހު ދިވެހިންވެސް ކެއުމަށްޓަކައި ދޮންކެޔޮ އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ކައެވެ. ދޮންކޭލުން ހަށިގަނޑުގައި ވަރު ޖައްސައި ދިނުމުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކެއް ލިއްބައިދެއެވެ.
ޑޮކްޓަރުންވެސް އަންނަނީ ދުވާލެއްގެ މަތިން ދޮންކެޔޮކާ މިންވަރު އިތުރުކުރުަމަށް ލަފާ ދެއްވަމުންނެވެ. ހަށިގަނޑަށް ދިމާވާ އެކި މައްސަލަތަކާއި ޖެހޭ ބަލިތަކުން ދުރުކޮށްދިނުމަށް ދޮންކެޔޮ އެހީވެދެއެެވެ.
ކެންސަރު ޖެހުމުން ދުރުކޮށްދޭ
ތަފާތު ވައްތަރުގެ މޭވާއާއި ތަރުކާރީ ގިނަގިނައިން ކެއުމަކީ ޖުމްލަގޮތެއްގައި ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ ކަމެކެވެ. އެއީ މި ކާނާތަކަކީ އޭގައި ގިނަ ވައްތަރުގެ ނިއުޓްރިއެންޓްތައް އެކުލެވިގެންވުމުގެ އިތުރުން އާޓިފިޝަލް ލޮނު، ހަކުރު، ފުޑް ޑައިސް އަދި ނުރައްކާތެރި ކެމިކަލްތައް އެކުލެވިގެންވާ ކާނާތަކަކަށް ނުވާތީއެވެ. ޚާއްސަ ގޮތެއްގައި ބަލާއިރު ދޮންކޭލަކީ އޭގައި މަތީ މިންވަރަކަށް ވިޓަމިން ސީ އެކުލެވިގެންވާ ކާނާއަކަށް ވުމުން ކެންސަރަށް މަގުފަހިކޮށްދޭ މާއްދާތައް ކަމަށްވާ ފްރީ ރެޑިކަލްސް ނައްތާލަން ދޮންކެޔޮ އެހީތެރިވެދެއެވެ. އަދި ދޮންކެޔޮގައި އެކުލެވިގެންވާ ފައިބަރ ގެ މަތީ މިންވަރުގެ ސަބަބުންވެސް ކޮލޮރެކްޓަލް ކެންސަރުން ދުރުކޮށްދިނުމަށް މި މޭވާ އެހީވެދެއެވެ.
ހިތުގެ ސިއްހަތު ދުޅަހެޔޮކަންމަތީ ދަމަހައްޓައިދޭ
ސޯޑިއަމްގެ މާއްދާއަކީ ހިތުގެ ސިއްހަތަށް ގެއްލުން ދޭ އެއްޗެކެވެ. ހަށިގަނޑުގައި އެކުލެވޭ ސޯޑިއަމްގެ މާއްދާތައް މަދުވާނީ އެތެރެ ކުރެވޭ ޕޮޓޭޝިއަމްގެ މިންވަރު އިތުރުކޮށްގެންނެވެ. ދޮންކޭލުގައި މަތީ މިންވަރަކަށް އެކުލެވިގެންވާ މި މާއްދާގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ހަނިކޮށްދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގަވާއިދުން ދޮންކެޔޮ ކާ މީހުންނަށް ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން އަދި ހަމައެހެންމެ ހަކުރު ބަލި ޖެހުމުގެ ފުރުސަތުވެސް ހަނިވެގެންދެއެވެ. ދޮންކެޔޮގައި އެކުލެވޭ ފައިބަރ، ވިޓަމިން ބީސިކްސް އަދި ވިޓަމިން ސީގެ މާއްދާތަކަކީވެސް ހިތުގެ ސިއްހަތު ދުޅަހެޔޮކަންމަތީގައި ދަމަހައްޓައިދިނުމަށް އެހީވާ މާއްދާތަކެކެވެ.
ބަނޑަށް ޖެހޭ އުނދަގޫތައް ފިލުވައިދޭ
ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ އުނދަގޫތަކުން ދުރުކޮށްދިނުމަށްޓަކައި ޑޮކްޓަރުންވެސް ލަފާ ދެނީ ދޮންކެޔޮ، ބަތް އަދި ޓޯސްޓް ފަދަ ކާނާ ކެއުމަށެވެ. ބަނޑުގައި ހުންނަ ކާނާ ފަސޭހާއިން ހަޖަމްކޮށްދިނުމުގެ އިތުރުން ބޭރަށް ހިނގުމުގެ ސަބަބުން ނުވަތަ މި ނޫންވެސް ބަނޑަށް ދިމާވާ އުނދަގުލެއްގެ ސަބަބުންް ހަށިގަނޑުން ބޭރުވެފައިވާ ބައެއް މުހިންމު މާއްދާތައް ދޮންކޭލުން ހަށިގަނޑަށް ލިއްބައިދޭނެއެވެ.
ލޭ މައްޗަށް ދިޔުމުން ދުރުކޮށްދޭ
ގިނަ މީހުންނަށް ލޭ މައްޗަށް ދިޔުމުގެ ވާހަކަ ދެއްކުމުން ޚިޔާލަށް އަންނަނީ ސޯޑިއަމް މާއްދާގެ މައްސަލައެވެ. ނަމަވެސް ހަގީގަތުގައި ލޭ މައްޗަށް ދިޔުމުން ދުރުވާން ބޭނުންނަމަ ޖެހޭނީ ހަށިގަނޑުގައި ހުންނަ ޕޮޓޭޝިއަމް އާއި ސޯޑިއަމްއާއި މި ދެ މާއްދާ ބެލެންސް ކުރާށެވެ. އެހެންކަމުން ދުވާލެއްގެ މަތިން ހަށިގަނޑަށް އެތެރެކުރާ ޕޮޓޭޝިއަމްގެ މިންވަރު އިތުރުކުރުން މުހިންމެވެ. ދޮންކޭލަކީ މަތީ މިންވަރަކަށް ޕޮޓޭޝިއަމް އެކުލެވިގެންވާ ކާނާއެކެވެ.