މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ދެގެއަކުން 37 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ބޭނުން ކުރަމުން އަންނަ ދެ ގެގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، 37 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
އަދި އެ 37 މީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅުގައި ހުންނަ ދެ ގެ ކަމަށްވާ ގ. ޕެންސިލްގެ އާއި ގ. މެމޮރީ ވިލާއިންނެވެ.
ފުލުހުން ހާމަކުރާ ގޮތުގައި ގ. ޕެންސިލްގެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 11 ފިރިހެނުންނާއި، 21 އަހަރުން ދަށުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
އަދި ގ. މެމޮރީ ވިލާއިން ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ފިރިހެނުން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގައި ހިމެނޭ ދެކުޑަކުދިން ފިޔަވައި އެހެން އެންމެން މިނިސްޓަރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 3 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން އެދެގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 81 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ދެގެއަކީވެސް ފުލުހުންނަށް ނުވަދެވޭނެހެން އިލެކްޓްރިކް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ދެ ގެކަމަށާއި، މި ދެގޭގައިވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފައި ހުންނަ ކަމަށެވެ. އަދި މިދެގެއިންވެސް ކުޑަކުދިންނާއި އަންހެނުން މަސްތުވާތަކެތި ބޭނުން ކުރާ ކަމުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.