ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީސްގެ ރައީސް އަކަށް އިންތިހާބު ވެއްޖެނަމަ މަޖިލީސް ހިންގަވާނީ ޤާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މަންޗަންގޯޅި މެދު ދާއިރާއަށް އިންތިހާބުވެފައިވާ މެންބަރު އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މަޖިލީހުގެ ރައީސް ކަމަށް ނެރޭނެ މެމްބަރަކު ހޮވުމަށް މިރޭ ބޭއްވި ޕާލިމަންޓްރީ ގްރޫޕްގެ ޖަލްސާއިން، އެ މަނިކުފާނުގެ ނަން ފާސްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު އިންނަވާ މަޖިލީހުގެ ރިޔާސަތެއްގައި މަޖިލިސް ހިންގާނީ ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީސް ހިނގަމުން ދާނީ ދިވެހި ރައްޖޭގެ ގާނޫނު އަސާސީއާއި ރާއްޖޭގެ އާންމު ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން. އަދި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަކީ އިރާދަކުރެއްވިއްޔާ ތަފާތު ރައްޔިތުންގެ މަޖިލީހަކަށް ހަދައި، ރައްޔިތުންގެ އުންމީދުތަށް ފުރިހަމަވާނޭ ގޮތަކަށް އަޅުގަނޑުމެންނަށް މި 19 ވަނަ މަޖިލީސް ހިންގޭނެ:" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންނަވާ ރިޔާސަތެއްގައި، މަޖިލީސް ހިނގާނީ ވާދަވެރި ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ނިޒާމެއްގެ ދަށުން ޑިމޮކްރަޓިކް އުސޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަުގެ ޔަގީންކަަންދޭ ކަަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޕާޓީގެ ހުރިހާ މެމްބަރުންނާއި އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް އާއި މަޝްވަރާކުރެވިގެން އެމްޑީޕީގެ ފަރާތުން މަޖިލީސްގެ ރައީސްއަަކަށް ނެރޭ ފަރާތަކަށް އެމަނިކުފާނުގެ ނަން ފާސްކުރެވިގެން ދިޔުމަކީ އެ މަނިކުފާނަށް ލިބިލެއްވި ވަރަށް ބޮޑު ހިންހަމަޖެހުމެކެވެ.

އަދި މިރޭ ނިމިގެން މިދިޔަ ނިންމުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އުންމީދު ކޮށްގެން އަދި ބޭނުންވި ކަމެއްނޫން ކަން ހާމަކޮށް ރައީސް ނަޝީދު ވިދާޅުވީ ޕާޓިގެ ޕާލިމެންޓްރީ ގްރޫޕުން އެމަނިކުފާނުގެ ނަން ފާސްކުރީ ހިޔާލު ތަފާތު ވެފައި އޮތް ތަނެއްގައި، އެ ހިޔާލު ތަފާތުވުން ތަކާއި އެއްކޮށް ކުރިއަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

"ޕާޓީގެ ހުރިހާ މެމްބަރުންނަށްވެސް ފެނިވަޑައިގަތީ ހިޔާލު ތަފާތު ވެފައި އޮތް ތަނެއްގައި، އެ ހިޔާލު ތަފާތުވުން ތަކާއި އެއްކޮށް ކުރިއަށް ނުދާން. ޕާޓީއަށް އެއްބަސް ވެވިގެން އެކައްޗެއް ކިޔޭ ގޮތުގައި ކުރިއަށް ދާން. މީކީއެއް އެއްވެސް ގޮތަކަށް އަޅުގަނޑު ވިސްނާފައި އޮޮތް ވިސްނުމެއް ނޫން. އަދި އަޅުގަނޑު އެއްގޮތަކަށްވެސް ކުރިއަށްދާން ނިންމާފައި އޮތް ގޮތެއްވެސް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން މަޖިލީސްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓަކަށް ރައީސް ނަޝީދުގެ ނަން ހުށަހަޅާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި އެ ނިންމުމަށް ތާއީދުކުރެއްވީ، ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސް ގެ ގޮތުގައި ވާދަކުރުމަށް ހޮވިވަޑައިގެންފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ފުރިހަމަ އަޤުލަބިއްޔަތާއި އެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *