ނަވާރަ ވަނަ ރައްޔިތުން މަޖިލީސް އަށް އެމްޑީޕީގެ ފަރާތުން ރައީސްއެއް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕާލިމެންޓްރީގެ ގުރޫޕުގެ ބައްދަލުވުން ކުރިޔަށް ދާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދޭ ގޮތަކަށް ވޯޓުލުމަށް ގޮވަާލާ ނަޝީދުގެ ސަޕޯޓަރުން ދަރުބާރުގޭގެ ގޯތު ތެރޭގައި އަޑު އުފުލަމުން އެބަދެއެވެ.
އެ އެއްވުމުގެ ބައިވެރިން ގޮވަމުންދަނީ ގައުމުގެ ރައްޔިތުން އެދޭ ގޮތަކަށް ވޯޓު ދިނުމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު މިރޭ ކުރިޔަށް ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހޮއްވެވުމަކީ ވިލުފުށި ދާއިރާ އިން އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފެވެ. ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ވުރެ ވަކި ގާބިލް ބޭފުޅަކު ނެތެވެ.
އެމްޑީޕީގެ އިސް ބޭފުޅުން މިގޮތަށް ވިދާޅުވި ނަމަވެސް މަސްރަހު ސާފުވެ، ޕާޓީގެ މިސްރާބު ބައްޓަންވާނެ ގޮތް ވެސް ކަނޑައެޅޭނީ މިރޭގެ ވޯޓުގަ އެވެ. އެހެންކަމުން، މިރޭ ވޯޓަކީ އެމްޑީޕީ އަށް ކުޑަ އިމްތިހާނެއް ނޫނެވެ. މިހާ ބޮޑަށް ޒާތީވެ، އަމިއްލަ ޕާޓީ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކު ފަލީހަތް ކުރި ފަހަރެއް އެމްޑީޕީ ތަޖުރިބާއެއް ނުކުރެ އެވެ. އެއާ އެކު، މިރޭގެ ނަތީޖާ އަށް މުޅި ގައުމު ވެސް އިންތިޒާރުކުރާ ސަބަބެއް ވެސް އެބައޮތެވެ. އެއީ މި ވޯޓަކީ އެ ޕާޓީގެ ތެރޭގައި އެންމެ މަގުބޫލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްތޯ ނުވަތަ ނަޝީދުތޯ ކަނޑައަޅާނެ ކަމަކަށް ވާނެތީ އެވެ. އެއީ ވެސް އެއް ބަޔަކު ދެކޭ ގޮތެވެ.