ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދެ ފިސްތޯލަ އާއި ތިން ވަޒަން ގެންގުޅުނު ކަމަށް ބުނެ އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

2015 ވަނަ އަހަރުގެ މޭޑޭގައާއި، އޭގެ ފަހުން އަދީބުގެ އަތުން ދެ ފިސްތޯލައާއި ތިން ވަޒަން ފެނުނު ކަމަށް ދެ ހެކިން ދިން ހެކިބަހުގެ އަލީގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އިއްވިކަމަށް ވިނަމަވެސް ފުލުހުންނަށްވަނީ ފިސްތޯލަވެސް އަދި އޭގެ ވަޒަނެއްވެސް ހޯދައި ނުފެނިފައެވެ.

ސުޕްރީމް ކޯޓުން މިއަދު ފަނޑިޔާރުން އިއްވެވި ހުކުމްގައި ބުނެފައިވާ ގޮތުގައި އަދީބް ފިސްތޯލައެއް ގެންގުޅުނުކަމަށް ދައުލަތުގެ ފަރާތުން އެއްވެސް ހެއްކެއް އަދި ހުއްޖަތެއްވެސް ހުށައެޅިފައި ނުވާކަމަށާއި އެކަން އޮތީ އެފަދައިން ކަމަށް ސުޕްރީމްކޯޓުގައި ދައުލަތުންވެސް ވަނީ އެއްބަސްވެފައިކަމަށެވެ. އަދި ކްރިމިނަލް ކޯޓުގައި އެ ހުކުމް އިއްވާފައިވަނީ ޓެރެރިޒަމް ގާނޫނުގައިވާ ގޮތާއި ޚިލާފަށް ކަމަށްވެސް އެ ހުކުމްގައިވެއެވެ.

އަދީބުގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވަނީ ކުރީގެ ޓެރަރިޒަމް ޤާނޫނާއި ހަވާލާދިނުމަށްފަހު ކަމަށް ވާއިރު މިހާރު ޓެރަރިޒަމްގެ ގާނޫނަށް ވަނީ ބަދަލުތައް ގެނެސް އިސްލާހުކުރެވިފައެވެ. މިގޮތުން އާ ގާނޫނުގައިވާ ގޮތުގެ މަތިން، އަމިއްލަ ހިޔާޒަތުގައި ހަތިޔާރެއް ގެންގުޅުމަކީ ނުވަތަ ބެހެއްޓުމަކީ ޓެރަރިޒަމްގެ ކުށަކަށް ނުވާނެއެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ދަށު ކޯޓުން އިއްވާފައިވާ 15 އަހަރު ދުވަހުގެ ޖަލު ހުކުމްވެސް ވަނީ ހައިކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފައެވެ.

މި ވަގުތު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ގޭބަންދުގައި ހުންނެވި އަދީބުގެ މައްޗަށް މި ވަގުތު އޮތީ ހަމައެކަނި ހިޔާނާތުގެ މައްސަލައެއްގައި އޭނާގެ މައްޗަށް އިއްވި 8 އަހަރު ދުވަހުގެ ޖަލުހުކުމް ކަމުގައި ވާއިރު މިހާރު އޭނާ ވަނީ 3 އަހަރަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *