މި މަހުގެ 24 ވަނަ ދުވަހު "ރާއްޖެ އެމްވީ" ގައި ޝާއިޢުކޮށްފައިވާ މަގޭ ރިޕޯޓާއި، "ރާއްޖެ ޓީވީ"އިން ގެނެސްދީފައިވާ މަގޭ ރިޕޯޓުގެ ސުރުހީގެ ދަށުން، ރޯދަ ހަދިޔާގެ ގޮތުގައި އެ ކުންފުނިން ރާއްޖޭގެ ވުޒާރާތަކަށާއި، ކުންފުނިތަކަށް ފޮނުވާފައިވާ ހަދިޔާއާއި ގުޅޭ ގޮތުން ގެނެސްދީފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނުބަލާ ދެފުއް ބެލުމެއް ނެތި ލިޔެފައިވާ ހަބަރެއް ކަމުގައި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ.

"ރާއްޖެ އެމްވީ"ގެ ރިޕޯޓްގައި ބުނެފައިވަނީ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ރޯދަ ހަދިޔާގެ ގޮތުގައި ކުންފުނިތަކަށާއި ވުޒާރާތަކަށް އަގުބޮޑު އަތަރާއި، މުސައްލަ އާއި އެނޫންވެސް ތަކެތި ހަދިޔާކުރި ކަމަށެވެ. އަދި އެއީ ކުރެވޭ ވަރަށް ބޮޑު ބޭކާރު ހަރަދެއް ކަމުގައި އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

އެ ހަބަރާއި ގުޅޭ ގޮތުން، މިއަދު އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެފަދަ ހަޤީޤަތާއި ހިލާފު ހަބަރުތައް މީޑިއާތަކުގައި ފެތުރުމަކީ، ރައްޔިތުންގެ ހިތްތަކުގައި އެކުންފުންޏަށް އޮންނަ އިތުބާރު ނަގާލުމަށްޓަކައި ކޮށްފައިވާ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.

އަދި ރާއްޖެ ޓީވީ އަދި ރާއްޖެ އެމްވީ އަކީ ރާއްޖޭގެ ގިނަ ބަޔަކު ބަލާ ހަބަރު ފަތުރާ މުޢާސަލާތަކަށް ވާ ހިނދު އެފަދަ ރިޕޯޓެއް ލިޔެ ޝާއިޢު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެ ކުންފުނިން ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ.

ގްރޭޓަރ މާލޭގެ ބަޔާނުގައި ބުނީ، މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ރާއްޖޭގެ ވުޒާރާތަކާއި ކުންފުނިތަކަށް، އެ ކުންފުނިން ހަދިޔާގެ ގޮތުގައި ދީފައިވަނީ، މުސައްލަ، ޒިކުރު ފޮތް، އަތަރުފުޅި އަދި ކާޑު ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް ޔުނިޓުން އިސްނަގައިގެން ހެޔޮނިޔަތުގައި ކުރި ކަމެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނީ އެކުންފުނިން ފޮނުވި ހަދިޔާއަކީ އެހެން ކުންފުނިތަކުން ފޮނުވި ހަދިޔާއާއި އަޅާ ބަލާއިރު، ހަރަދު ކުޑަ އަދި ގިނަ ދުވަހު ބޭނުން ކުރެވޭނެ ހަދިޔާ ކަމަށާއި، އެފަދަ ހަދިޔާތަކުގެ ބޭނުމަކީ އަޅުކަމަށް ބާރު އެޅުމާއި އިލްމު ފެތުރުން ކަމަށެވެ.

ނޫސް ބަޔާން ނިންމާލަމުން ގްރޭޓަރ މާލެއިން ވަނީ އެއްވެސް އަސާސެއް ނެތް ހަބަރުތައް ލިޔެ ޝާއިޢު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *