ގިނަ މީހުން ބަހުސްކޮށް ޚިޔާލު ފާޅުކޮށް އުޅޭނީ މައިދައިތަ ރުއްސަން ކުރެވިދާނެ ކަންކަމާއެވެ. މައިދައިތަ އަކީ ކައިވެނިކުރާ ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ މަންމައެެވެ. އެހެންކަމުން މައިދައިތަ ވާނީ ތިބާގެވެސް ދެވަނަ މައިމީހާއަށެވެ. މައިދައިތަ މުހިންމު މީހަކަށްވެ، އޭނާ ރުއްސުން މުހިންމު ކަމަކަށްވާ ސަބަބަކީ އެއީ އެވެ. ހަމައެފަދައިން ބަފައިބެ، ނުވަތަ ކައިވެނި ކުރާ ބައިވެރިޔާގެ ބައްޕަވެސް ތިބާގެ ދެވަނަ ބައްޕައަކަށް ވުމުން އޭނާގެ ދައުރުވެސް މުހިންމުވެގެން ދާނެއެވެ.
ބަފައިބެ ރުއްސަން ނުވަތަ ބަފައިބެ ހިތް އެދޭ ގޮތަށް އުޅެން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ގިނަ މީހުންނަށް މިކަންތައް ކުރާނެ ގޮތުގެ މާބޮޑު މައުލޫމާތެއް އެނގިފައެއް ނޯވެއެވެ. ސަބަބަކީ އާންމުކޮށް އާއިލާއެއްގައި ބަފައިމީހާގެ ދައުރު ކިތަންމެ މުހިންމު ކަމަށް ވިޔަސް ސީދާ ދަނބިދަރިއަށް ބަސްބުނެ ހެދުމުން ބަފައިބެ ދުރުވެގަތުމެވެ. ބައެއް އާއިލާތަކުގައި ބަފައިބެއަކީ އެންމެންނާވެސް ގުޅިގެން އުޅޭ މީހަކަށް ވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އޭނާގެ ހިތުގެ އިހުސާސްތައް ނުވަތަ އޭނާ ދަނބިދަރިންގެ ފަރާތުން އެދޭ އުޅުންތައް ދައްކުވައިދިނުމުން ފަހަށްޖެހޭ ބަފައިބެއިން ވަރަށް ގިނައެވެ. ނަމަވެސް ހަގީގަތުގައި އޭނާގެ ދަރިއެއްގެ އަންބެއް ނުވަތަ ފިރިއެއްގެ ފަރާތުން ފެންނަ އަޚްލާގުގައި ނުވަތަ އުޅުމުގައިވެސް ވަކި މިންގަނޑެއް އޮތުމަށް ބަފައިބެއިންވެސް އެދޭނެއެވެ.
ބަފައިބެ އެންމެ ފޮނި އުންމީދުތަކެއް ކުރާނީ އޭނާގެ އަންހެން ދަރިއެއްގެ ފިރިއެއްގެ ފަރާތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. އުމުރު ދުވަހުގައި އަންހެން ދަރިއަކު ބަލައިބޮޑުކޮށް، ކުރަންޖެހޭ ހުރިހާ ޚަރަދުތަކަކާއި އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ފުރިހަމަކުރުމަށްފަހު އަންހެން ދަރި 'ހިބައިން ދީ' ހަވާލުކުރެވާ ފިރިހެނުންގެ ބޮލުގައި އޮންނާނީ ވަރަށް ބޮޑެތި ޒިންމާތަކެއް އެޅިފައެވެ. ބަފައިބެ އާއި އެކު ގުޅުން ބަދަހިކުރުމަކީ ކޮންމެ މީހަކާއިވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށް ވިނަމަވެސް ބައެއް މީހުންނަށް އެކަންތައް ވަނީ ވަރަށް ދަތި ކަމަކަށެވެ.
ދަރިއެއްގެ ފިރިމީހާގެ ފަރާތުން ބައްޕައަކަށް ދެވޭނެ އެންމެ ބޮޑު އުފަލަކީ އޭނާގެ ދަރިއަށް އަޅައިލުމާއި ލޯބި ދިނުމެވެ. ދަރިފުޅު އުފަލުގައި އުޅޭތަން ފެނުމުން ބައްޕަގެ ހިތަށްވެސް ހަމަޖެހުން ލިބި، އޭނާގެ ދަރިފުޅު ހަވާލުކުރެވުނީ ހެޔޮލަފާ މީހަކާއޭ ހިތަށް އަރާނެއެވެ. ދެން އެއަށްފަހު ބަލަންވާނީ ދީނީ މިންގަނޑުންނާއި އަޚްލާޤީ ފެންވަރުގެ ގޮތުން ބަފައިބެ ހިތްހަމަޖެހޭ ފަދަ ސިފަތަކެއް ދެއްކުމަށެވެ. މިގޮތުން ގަވާއިދުން ޖަމާއަތުގައި ނަމާދަށް އެރުމާއި ރީތި ބަހުން ވާހަކަދައްކައި މީހުންނާ ގުޅިއުޅުމަށް އިސްކަން ދިނުމަކީ ކުރެވިދާނެކަމެކެވެ. މިފަދަ ސިފަތަކެއް ފެނުމުން ބަފައިބެ ހިތްހަމަޖެހޭނެއެވެ. ދެން އެއަށްވުރެވެސް ބޮޑަށް ބަފައިބެ އާއި ގާތް ގުޅުމެއް އުފައްދަން ބޭނުންނަމަ ކުރެވިދާނެ ކަންކަން ހުރެއެވެ.
ބަފައިބެއާއި ގާތް ގުޅުމެއް އުފައްދަން ބޭނުންނަމަ އޭނާގެ އަމިއްލަ ދަރިއެއް ފަދައިން އޭނާއަށް އަޅައިލައި، އެހީތެރިކަން ފޯރުކޮށްދީ އުޅޭށެވެ. މިގޮތުން ބަފައިބެ ކުރާ މަސައްކަތްތަކުގައި އޭނާއަށް އެހީވެދީ، އޭނާއާއި ގިނަގިނައިން ވާހަކަ ދައްކައި ކަންކަން ހިއްސާކުރުން ހިމެނެއެވެ. ބަފައިބެއަކީ ތިބާގެ ބައްޕަކަމަށް ބަލައި އޭނާއާއި ދޭތެރޭގައި ޚުދު ތިބާގެ ބައްޕައާއި މެދު ކަންތައްކުރާނެ ފަދައިން އަމަލުތައް ބަހައްޓާށެވެ.
ތިބާއަކީ އަންހެނެއް ނަމަ ބަފައިބެގެ ރުހުން ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އަޚްލާޤީ ގޮތުން ރީތި ނަމޫނާއެއް ދެއްކުމުގެ އިތުރުން އޭނާގެ ދަރިފުޅާއި އަނބިމީހާ (މައިދައިތަ)އަށް ހެޔޮ ވާށެވެ. އެމީހުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރާށެވެ. ބަފައިބެއަށް މީރު ކާނާ ކައްކާފަ ކާންދޭށެވެ. އެހެންކަމުން އަންހެނަކަށް ބަފައިބެ ރުއްސަން ވަރަށް ފަސޭހަވާނެއެވެ. ބޭނުންވާނީ ހަމަ ކުޑަ ހިތްވަރެކެވެ.