ހދ.ކުޅުދުއްފުށީ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކަކާއި ފޯނުތަކެއް ފުލުހުން ހޯދައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު، އެރަށު ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ހޯދިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3790 ރުފިޔާއާއި ދެ މޯބައިލް ފޯނާއި އަދި ސިމް ކާޑެއް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން އުމުރުން 29 އަހަރުގެ ފިރެހެނެކާއި އަދި 32 އަހަރުގެ ފިރެހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިދީފައެވެ. އަދި 32 އަހަރުގެ މީހާ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.