ކުޑަ ދެ ފިރިހެން ކުއްޖަކާއި ބެހުނު ފުލުހެއްގެ މައްސަލަ ފުލުހުންގެ އިދާރާ އިން ބަލަން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ، އެ ފިރިހެން ފުލުސް މީހާ ކުޑަކުއްޖަކާ އެކު ބަދުއަޚުލާގީ އަމަލެއް ހިންގިކަމުގެ މައްސަލައެއް ފުލުސް އޮފީހަށް ފުރަތަމަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށެވެ.
އަދި ހަމަ އެ ފުލުސް މީހާ އެހެން ފިރިހެން ކުއްޖަކާއި އެކު ބަދުއަހުލާޤީ އަމަލު ހިންގި ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ފެންމަތިވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަމަވެސް އޭނާ އެ އަމަލު ހިންގީ ނޯ ޕޭ ލީވެއްގައި ހުރެކަމަށާއި، ފުލުހުންނަށް އެ މައްސަލަ ހުށަހެޅިއިރު އެ ފުލުސް މީހާ ރާއްޖޭގައިވެސް ނެތް ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.
ފުލުހަކު ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، ރޭ ދަންވަރު ވަނީ ކުޑަދެކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފަ އެވެ.