ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މެންބަރަކު އައްޔަނުކުރުމަށް، ނަގާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި، މިނިސްޓަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށް މާފަންނު މެދު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އިބްރާހިމް ރަޝީދު މިހެން ވިދާޅުވެފައިމިވަނީ، އާ މަޖިލީހުގެ ރިޔާސަތު ބަހަލަށްޓަވާނެ، މެންބަރެއް ކަނޑައެޅުމަށް މާދަމާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓަށް ނުފޫޒު ފޯރުވަން ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ގަލޮޅު ދެކުނު ދާއިރާއަށް އިންތިހާބުވި މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ، "ނުފޫޒު ފޯރުވަން މަސައްކަތް ކުރި ވަޒީރުން ހާޒިރުކޮށް ފިޔަވަޅު އެޅޭނެ" ކަމަށެވެ.
އާ މަޖިލީހުގެ ރައީސަކަށް މެންބަރަކު ގެނެވުމުގައި އެމްޑީޕީގެ ތެރޭގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެގޮތުން އެމަޤާމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ހޮވުމަށް ރައީސް މުޙައްމަދު ނަޝީދު ތާއީދު ކުރައްވާއިރު، ރައީސް ޞޯލިހު ވަނީ އެ މަގާމަށް ވިލުފުށީ ދާއިރާއަށް އިންތިހާބުވި މެންބަރު ހަސަން އަފީފް ގެނެވުމަށެވެ.