ދިރާގުގެ "ޑިޖިޓަލް ރާއްޖެ" އިނީޝިއޭޓިވްގެ ދަށުން މާލެ ސިޓީގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓުތައް ދޫކުރަން ފަށައިފި އެވެ.
އެގޮތުން މި ހިދުމަތް ފެށުމުގެ ގޮތުން މާލެ ހުޅުމާލެ އަދި ވިލިނގިލީގައި ހަދާފައިވާ ޕާކުތަކުގައި ވައިފައި ކަނެކްޓް ވާނެ ހޮޓްސްޕްޓްތައް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.
މިކަން އިފްތިތާހް ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއީލް ރަޝީދު ވިދާޅުވީ، އިންޓަނެޓަކީ މިއަދު އެއާ ނުލައި އުޅެން އުނދަގޫ ހިދުމަތަކަށްވާތީ އަދި ކޮންމެ ތަނަކަށް ކޮންމެ ހާލަތެއްގައި ވެސް އިންޓަނެޓުގެ ބޭނުން ޖެހިދާނެތީ އެ ހިދުމަތް ފަސޭހައިން އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދޭންް ދިރާގުން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ އެ ހިދުމަތް ވީހާވެސް ފަސޭހަކޮށް މީހުންނަށް ލިބޭނެ ގޮތް ހަދައި ދިނުން. އެގޮތުން މި ވައިފައި ހޮޓްސްޕޮޓް އިިންތިޒާމުގެ ދަށުން ޕާކުތަކަށްދާ މީހުނަށް ފުރަތަމަކޮޅު ހިލޭ އިންޓަނެޓް ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިފައި މި އޮތީ" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ ވިދާޅުވީ، އިންޓަނެޓް މެދުވެރިކޮށް ގުޅިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި ސްކޫލްތަކުގައި އުޅޭ ކުދިންވެސް ފީލްޑް ޓްރިޕްތަކުގައި ޕާކުތަކަށް ގޮސް މި ހިދުމަތުގެ ބޭނުން ކުރަންޖެހޭ ކަމަށެވެ.
ޕާކުތަކުގައި ވައިފައި ލިބޭނެ ގޮތް ދިރާގުން މިއަދު ހަމަޖައްސާފައިވާއިރު މި ހިދުމަތް ހިލޭ ދޫކުރަނީ ވައިފައި ކަނެކްޓްވާ ފުރަތަމަ 30 މިނެޓަށެވެ. އޭގެ ފަހުން އިތުރު ކުރަން ބޭނުން ކަމަށް ވާނަމަ ޖެހެނީ އެޑް އޮންސް ނަގާށެވެ.